ދުނިޔެ

އިރާގުގައި ބޮމުގެ ހަމަލަތަކެއްދީ 125 މީހުން މަރާލައިފި

Jul 4, 2016

އިރާގުގައި ޝީއީން ދިރިއުޅޭ ކަރައްދާ ޑިސްޓްރިކްޓުގެ ބާޒާރުމަތީ ސަރަހައްދެއްގައި އައިއެސް އިން ބޮމުގެ ހަމަލާތަކެއްދީ، 125 މީހުން މަރާލައިފި އެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 150 އަށް އަރާފަ އެވެ.

ޖާނުން ފިދާވެގެން ދިން މިހަމަލާތައް ދީފައިވަނީ ލޮރީއެއްގައި ގޮވާޒާތުގެ އެއްޗެހިތައް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ބޮން ގޮއްވާލި ވަގުތަކީ ހަފްތާ ބަންދަށް އަދި އީދާ ދިމާކޮށް ގިނަ ބަޔަކު ބާޒާރު ކުރަން ނުކުމެ އުޅުނު ވަގުތެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އާއިލާތައް އެއްކޮށް ހިމެނޭ ކަމަށެވެ.

މިހާދިސާ އާ ގުޅިގެން އިރާގު ސަރުކާރުން ވަނީ ތިން ދުވަސް ސަރުކާރު ބަނދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާ ހިތާމަ ފާޅުކޮށްފަ އެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން މިހާރުދަނީ އެސަރަހައްދުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނި ނަގާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ ބަލަމުންނެވެ.

އައިއެސް އިން މިހަމަލާތައް ދީފައިވަނީ އިރާގުގެ ފައްލޫޖާ އަވަށް އިރާގު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔަތާ ހަފްތާއެއް ވީތަނާ އެވެ. މިހަމަލާތަކަށްފަހު އައިއެސް އިން ބުނީ ކަރައްދާ ޑިސްޓްރިކްޓަށް ދިން ހަމަލާއަކީ "ހިނގަމުންދާ އޮޕަރޭޝަން" އެއްގެ ތެރޭން ދިން ހަމަލާއެއް ކަމަށެވެ. އައިއެސް އިން މިއަހަރުގެ މިހާތަނަށް އިރާގަށް ދިން ތަފާތު ހަމަލާތަކުގައި 499 މީހުންވަނީ މަރާލާފަ އެވެ.