އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ސިފައިންގެ ނުވަ ދާއިރާއަކުން ކުރިމަތިލާން ހުޅުވާލައިފަވާ ކަމަށެވެ. އެގޮތުން މެރިން ކޯ އާއި ސްޕެޝަލް ފޯސަސް އާއި ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް އަދި މިލިޓަރީ ޕޮލިސް އާއި މެޑިކަލް ސާވިސް އާއި ކޯ އޮފް އިންޓެލިޖަންސްގެ އިތުރުން ސަޕޯޓް ސާވިސް ހިމެނެ އެވެ. އެހެންނަމަވެސް އެ ދާއިރާތަކުން ވަޒީފާގެ ފުރުސަތު އޮތީ ކިހާ ފަރާތަކަށް ކަމެއް އެ އިއުލާނުގައި ބުނެފައެއް ނުވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ ޝަރުތުތަކު ތެރޭގައި ދައްވެގެން ޖީސީއީ އޯލެވަލް ފެންވަރު ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓުފިކެޓެއް އޮންނަންޖެހޭ ކަމަށާއި ވަޒީފާގެ ފުރުސަތު އޮތީ އުމުރުން 18 އާއި 25 އަހަރުގެ ދެމެދުގެ މީހުނަށް ކަމަށެވެ. މީގެ އިތުރުން ފިރިހެނެއް ނަމަ އެމީހެއްގެ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުންނަން ޖެހޭ އިރު އަންހެނެ ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ޖެހޭނެ ކަމަށް އެއިއުލާނުގައި ބުނެފައި ވެއެވެ.

އަދި ބުނެފައި ވަނީ ވަޒީފާއަށް ކުރިމަތިލާ މީހަކު ސިފައިންގެ ވަޒީފާ އަދާ ކުރެވޭ ސިއްހަތެއްގައި ހުންނަން ޖެހޭނެ ކަމަށާއި އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ ރެކޯޑެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ކަމުގައި ނުވެވޭނެ ކަމަށެވެ.