ޕީޕީއެމް

ވިޕާ ހިލާފުވި ސަބަބު ބަޔާންކޮށްދޭން ތައްޔާރު: ފާރިސް

އިއުލާން ނުކޮށް ރަށްތައް ދޫކުރުމަށް ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހަށް ވޯޓު ދިނުމަށް، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވި ސަބަބު ބަޔާންކޮށް ދެއްވަން ތައްޔާރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމާ ގުޅިގެން ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ފާރިސްއާމެދު ފިޔަވަޅު އަޅައިދިނުމަށް އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހަޅާފަ އެވެ. މިކަމާ ގުޅިގެން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ފާރިސްއާ މެދު ފިޔަވަޅު އެޅުން އިންސާފުވެރި ނޫން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ތްރީލައިންވިޕާ މީގެ ކުރިން ހިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތްރީލައިންވިޕާ ދެކޮޅަށް އަމަލުކުރި ސަބަބު ބަޔާންކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި ވޯޓު ދެއްވީ ޕީޕީއެމް ގަވައިދުގެ ރޫހާ ހިލާފު ނުވާނެހެން ކަމަށެވެ.

ފާރިސް ޕާޓީގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ނިހާން ވިދާޅުވެފައިވާއިރު މިއަދު ރައީސް މައުމޫން ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، ފާރިސް އަމަލު ކުރައްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 10 (މ) އަށް ރިއާޔަތްކޮށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނަށް އެ މައްސަލާގައި އަމަލު ކުރަން އެދުނު ގޮތަށް ކަމަށްވާތީ އެއީ މައްސަލައެއް ކަމަށް ދެކި ވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް މައުމޫން އެދިވަޑައިގެންނެވި ގޮތާއި ހިލާފަށް މި ބިލަށް ޕީޕީއެމް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. ރައީސް މައުމޫނާއި ޕީޖީ ގުރޫޕާ ދެމެދު ބަހުގެ ހަމަލާތަކެއް ކޮންމެ ދުވަހުކު ދަނީ ރައްދު ކުރަމުންނެވެ.