ޕީޕީއެމް

ޕީޕީއެމްއިން ފާރިސް ވަކިކުރަން ނިންމައިފި

  • ފާރިސް ޕާޓީން ވަކިކުރަން ނިންމީ ވިޕާ ހިލާފުވި މައްސަލާގައި
  • މައްސަލަ ކޮމެޓީއަށް ހުށަހެޅީ ނިހާން
  • ނާދިރާ އާއި ޒައިދު ވެސް ޕާޓީން ވަކިކުރަން ވަނީ ނިންމާފަ

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ. އެ ކޮމެޓީން އެގޮތަށް ނިންމާފައިވަނީ ފާރިސް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ތްރީލައިންވިޕާ ހިލާފުވި މައްސަލަ ބެލުމަށްފަހު އެވެ.

ފާރިސްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސްލޫކީ ކޮމިޓީއަށް މައްސަލަ ވައްދާފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލިޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ފާރިސްގެ އިތުރުން ފާރިސްގެ ނިންމުމަށް ތާއިދުކުރުމުން ސަރުކާރުން ބޭރުކުރި އައިމިނަތު ނާދިރާ އާއި މަލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެންބަރު ޒައިދް އަމީން ވެސް ޕާޓީން ވަކިކުރަން ވަނީ ނިންމާފަ އެވެ.

ސްލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު މިއަދު ވިދާޅުވީ، ފާރިސް ނާދިރާ އަދި ޒައިދް ޕީޕީއެމް އިން ވަކިކުރަން ނިންމީ ސުލޫކީ ކޮމިޓީއަށް ހާޒިރުވި ތިން މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެ ތިން ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުވުމަށް ދެންނެވި ކަމަށާއި އޭގެން އެއްވެސް ބޭފުޅަކު ޖަވާބުދާރީ ވުމަށް ކޮމިޓީއަށް ހާޒިރު ނުވި ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.

ނާދިރާ އަދި ޒައިދުލް އަމީން ވަކިކުރީ ޕާޓީގެ ސަރުކާރެއް އޮއްވައި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ ފާޅުގައި ސަރުކާރަށް ފާޑު ކިޔާތީ ކަމަށެވެ. އަދި ފާރިޝް ވަކި ކުރީ ތްރީލައިން ވިޕާ ހިލާފުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާރިސްއަށް ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީން ނިންމާފައިމިވަނީ އެގޮތަށް އަމަލުނުކުރުމަށް ފާރިސްގެ ބައްޕާފުޅު އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައިވަނިކޮށެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ މީގެކުރިން ވެސް ތްރީލައިންވިޕާ މެންބަރުން ހިލާފުވެފައި އެބަހުރި ކަމަށާއި ނަމަވެސް ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ވަކި މެންބަރަކަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށް ވެސް ފާރިސް މި ވަނީ ވިދާޅުވެފަ އެވެ.