ދުންޔާ މައުމޫން

އިސްތިއުފާ ދިނީ މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ހިޔާލު ތަފާތުވެގެން: ދުންޔާ

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ، މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރާ ހިޔާލު ތަފާތުވެގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާ ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިމިވަނީ ޝަރުއީ ނިޒާމާމެދު ގިނަ ބަޔެއްގެ ސުވާލުތައް އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެކަމާމެދު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެއިން ހުމާމާއި ގާނޫނީ ވަކީލް ނަޖީބު މަރާލި މުއްރަތު މެރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ދެ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިރޭ ގައުމާ މުހާތަބުކުރައްވާ ރައީސް ވެސް ވަނީ ބޭރުގެ ކިތަންމެ ބޮޑު ގޮންޖެހުމެއް އޮތްނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ.

ދުންޔާ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސަައްވުރު ކިލަނބުވެގެންދާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

އިތުރަށް ދުންޔާ ވިދާޅުވީ، ރައީސްގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި ހުރަސްތަކަށް އަވަސް ހައްލެއް ލިބުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާއި އަދުލު އިންސާފުގެ ނިޒާމް އިތުރަށް ހަރުދަނާވެ ދިވެހިން ބާރުވެރިވުމަކީ ވެސް ކުރައްވާ އުއްމީދެއް ކަމަށެވެ.

ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އިރު ރައީސް ޔާމީން ދެއްވި އިރުޝާދާއި ކުރެއްވި އިތުބާރަށް ދުންޔާ ޝުކުރު އަދާކުރައްވާފައިވެ އެވެ.