- ފަސް އޮބްޒަވޭޓަރީ ރާއްޖޭގައި ގާއިމުކުރެވިފައިވޭ
- ބެހޭ ސާފު މައުލޫމާތު އެއްކުރެވިފައި ނެތް
- މަތީ މިންވަރަށް ވައި ޖެހެނީ މެދު ރާއްޖެތެރެ އާއި އުތުރަށް
ދިވެހިރާއްޖެއިން ލިބެންހުރި ހަކަތައިގެ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަކަތައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ވައިން ހަކަތަ އުފެއްދުމުގައި ރާއްޖެ އަދި އުޅެނީ ޅަފަތުގެ މަރުހަލާގައެވެ.
މިއަދާއި ހަމައަށް އައިއިރު ވައިން ހަކަތަ އުފައްދައިގެން ވިޔަފާރި އުސޫލުން ޚިދުމަތްދެވޭ ނިޒާމްތަކެއް (ވިންޑް ޓާބައިންތަކެއް) ރާއްޖޭގައި ގާއިމުކުރެވިފައެއް ނުވެއެވެ. އަދި މިފަދަ ނިޒާމްތައް ޤާއިމްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަޔާއި ބެހޭ ސާފު މައުލޫމާތު އެއްކުރެވިފައި ނެތްކަމީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
ރާއްޖޭގެ ވިންޑް ރިސޯސް މެޕްތައް
ވިންޑް ރިސޯސް މެޕަކީ ހަކަތަ އުފެއްދުމަށް ބޭނުންވާ މިންވަރަށް ވައި ލިބެން ހުރިތޯ ނުވަތަ ނޫންތޯ ދައްކުވައިދޭ ޗާޓެކެވެ. މި ޗާޓުގައި ބަލަނީ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ވަކި އުސްމިނެއްގައި މުޅި އަހަރު ތެރޭގައި ވައިޖެހޭ މިންވަރެވެ. މިހާތަނަށް ރާއްޖޭގައި ތައްޔާރު ކުރެވިފައިހުރީ ސެޓެލައިޓް ޑޭޓާ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ މެޕް ތަކެކެވެ. އެހެންކަމުން މި މެޕްތަކަކީ އެންމެ ފުރިހަމަ މައުލޫމާތު ދައްކުވައިދޭ މެޕްތަކެއް ނޫނެވެ. ފުރިހަމަ މެޕެއް ތައްޔާރު ކުރުމަށްޓަކައި ޑޭޓާނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރެ އެވެ.
ވިންޑް އެނާޖީ ރިސޯސް އެޓްލާސް އޮފް ސްރީލަންކާ އެންޑް ދި މޯލްޑިވްސް
ނޭޝަނަލް ރިނިއުބަލް އެނާޖީ ލެބޯޓަރީ (އެންރެލް) އިން 2003 ވަނަ އަހަރު ހަދާފައިވާ ވައިގެ މިންވަރު ދައްކުވައިދޭ ޗާޓުން ފާހަގަކުރެވޭ އެންމެ މަތީ މިންވަރަށް ވައި ޖެހެނީ މެދު ރާއްޖެތެރެއާއި އުތުރު ސަރަހައްދުގަ އެވެ.
މި ސަރަހައްދުގައި ހިމެނޭ އަތޮޅުތަކަކީ ރ. އަތޮޅާއި ބ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅެވެ. ވައިގެ މިންވަރު "އާދައިގެ"، "މެދުމިން"، "ރަނގަޅު" މި ތިން ދަރަޖައަށް ބަހާފައިވާއިރު، "ސްމޯލް-ސްކޭލް ވިންޑް އެޕްލިކޭޝަން" ގާއިމުކުރުމަށްޓަކައި "ރަނގަޅު" ދަރަޖައިގައި ވައި ޖެހޭކަމަށް ދައްކައެވެ. އަދި "ލާޖް-ސްކޭލް ވިންޑް އެޕްލިކޭޝަނެއް" ގާއިމުކުރާނަމަ، ވިންޑް ރިސޯސް ހުރީ "މެދުމިނުގެ" ދަރަޖައިގައެވެ.
ފާހަގެ ކުރެވިފައިވާ ސަރަހައްދުން އުތުރަށާއި ދެކުނުގައި، ވައިގެ މިންވަރު ކުޑަކޮށް ދަށްކަން ފާހަގަކުރެވެއެވެ. މި ސަރަހައްދުގައި ހިމެނޭ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި އއ. އަތޮޅު އަދި މާލެ އަތޮޅެވެ. މާލެއިން ދެކުނަށްދާއިރު ވިންޑް ރިސޯސް މަޑުމަޑުން ދަށްވަމުންދާކަން ފާހަގަކުރެވެއެވެ.
ޗާޓުގައި ރީނދޫ އަދި މުށިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ ވައިގެ ސްޕީޑަކީ ސިކުންތަކު 6.4 މީޓަރާއި 6.7 މީޓަރާއި ދެމެދުގެ މިންވަރެކެވެ. ރާއްޖޭގެ އުތުރުގެ މި ސަރަހައްދުތަކުގެ ވައިގެ ސްޕީޑް އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު މައްޗެވެ.
ޑީއެންވީ ޖީއެލް ވިންޑް މެޕިން
ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ވިންޑް ރިސޯސް އެޓްލާސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕްރިލިމިނަރީ ވައިގެ ޗާޓެއް ވަނީ ތައްޔާރުކޮށްފަ އެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ދެ އަހަރު ދުވަހުގެ ވައިގެ މައުލޫމާތު ނެގުމަށްފަހު މި ޗާޓުތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިރީގައި އެވަނީ މެޕްތަކުން ދޭހަވާ މައުލޫމާތުގެ ޚުލާޞާއެވެ.
• ވިންޑް ރިސޯސް އެންމެ ބޮޑަށް ލިބިފައިވަނީ އުތުރުގެ ސަރަހައްދުތަކަށެވެ. މީގެ ސަބަބެއްކަމުގައި އިންޑިއާއާއި ސްރީލަންކާއާއި ދެމެދު ގުދުރަތީގޮތުން އުފެދިފައިވާ "ވިންޑް ކޮރިޑޯ" އެއް ކަމުގައިވާ "ދަ ޕާކް ސްޓްރައިޓް" ގެ ސަބަބުން އުފެދޭ ބާރުގަދަ ވައިގެ އަސަރު ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށާއި މެދުތެރޭގެ ސަރަހައްދުތަކަށް ކުރުން ހިމެނެއެވެ. އިކުއެޓޯރިއަލް ޒޯންގައި މައިގަނޑުގޮތެއްގައި "މީން ވިންޑް ސްޕީޑް" ހުންނަނީ ދަށްކޮށެވެ.
ދިވެހިރާއްޖޭގެ ވިންޑް ޑޭޓާ
މޫސުމާބެހޭ އިދާރާގެ ފަސް އޮބްޒަވޭޓަރީ ރާއްޖޭގައި ގާއިމުކުރެވިފައިވެއެވެ. އެ ރަށްތަކަކީ ހދ. ހަނިމާދޫ، ހުޅުލެ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި ސ. ގަމެވެ. މި ސަރަހައްދުތަކުގެ 2007، 2008 އަދި 2009 ގެ އެވްރެޖް ޑޭޓާ ތިރީގައި މިވާ ތާވަލުގައި އެވަނީއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑޭޓާ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިން ވަނީ 2004 ވަނަ އަހަރު ވިލިމާލެ އަދި ބ. އޭދަފުށީގެ ވިންޑް ސްޕީޑް އަދި ވިންޑް ޑައިރެކްޝަން ބަލާފައެވެ. މި ޑޭޓާ ނަގާފައިވަނީ ޓެލެކޮމިއުނިކޭޝަން ޓަވަރުގައި އިކުއިޕްމަންޓު ހަރުކޮށްގެންނެވެ. މި ޑޭޓާ ނަގާފައިވަނީ ބިމުން ފެށިގެން 40 މީޓަރު އުސްމިނުގަ އެވެ. ނަމަވެސް ޓެލެކޮމިއުނިކޭޝަން ޓަވަރުތައް މެދުވެރިކޮށް ޑޭޓާނަގާފައިވާތީ، ޑޭޓާ އެކިއުރެސީގައި ކޮންމެވެސް ވަރަކަށް 'އަންސަރޓެއިންޓީ' އެކުލެވިގެންވެދާނެއެވެ.މި ޑޭޓާތަކުގެ ޚުލާޞާ ތިރީގައި މިވަނީއެވެ.
ވިލިމާލެ: 40 މީޓަރު އުސްމިނުގައި އަހަރުގެ އެވްރެޖް ވައިގެ ސްޕީޑަކީ ސިކުންތަކު 5.3 މީޓަރެވެ (5.3m/s). އެވްރެޖް ވައިގެ ސްޕީޑް އެންމެ މަތިކޮށްހުރީ މޭ މަހުގައެވެ. ދެވަނައަށް ޖެނުއަރީ މަހުގައެވެ. ގަޑިއެއްގެ ތެރޭގައި އެވްރެޖްކޮށް ވައިޖެހޭ ސްޕީޑުން ދައްކާ ގޮތުގައި ދުވަހުގެ އެކި ގަޑިތަކުގައި ވައިޖެހޭ ސްޕީޑްގައި މާބޮޑު ތަފާތެއް ނުވެއެވެ.
އޭދަފުށި: 48 މީޓަރު އުސްމިނުގައި އަހަރުގެ އެވްރެޖް ވައިގެ ސްޕީޑަކީ ސިކުންތަކު 5.39 މީޓަރެވެ (5.39m/s). އެވްރެޖް ވައިގެ ސްޕީޑް އެންމެ މަތިކޮށްހުރީ މޭ، ޖޫން، ޖުލައި، ޑިސެމްބަރު އަދި ޖެނުއަރީގަ އެވެ. ދުވަހުގެ އެކި ގަޑިތަކުގައި ވައިގެ ސްޕީޑުހުރީ ދާދިއެއްވަރެއްގައެވެ. އެންމެ ގިނައިން އަދި އެންމެ ބާރަށް ވައިޖެހިފައި ވަނީ ހުޅަގުންނާއި އިރުންނެވެ.
ކޮމައިހަލްޓެކްގެ ޑޭޓާ
ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކޮމައިހަލްޓެކް އިންކޯޕަރޭޝަނުން 2015 ވަނަ އަހަރު ވަނީ ޅ. ނައިފަރު، ކ. ގުޅީފަޅު އަދި ހދ. ކުޅުދުއްފުށީގައި ވިންޑް ޑޭޓާ ނަގާފައެވެ. މި ޑޭޓާތަކުގެ ޚުލާސާ ތިރީގައި މިވަނީއެވެ.
• ނައިފަރުގެ މަންތްލީ އެވްރެޖް ވިންޑް ސްޕީޑަކީ 5.02m/s އެވެ.
• ގުޅީފަޅުގެ މަންތްލީ އެވްރެޖް ވިންޑް ސްޕީޑަކީ 4.91m/s އެވެ.
• ކުޅުދުއްފުށީގެ މަންތްލީ އެވްރެޖް ވިންޑް ސްޕީޑަކީ 4.51m/s އެވެ.
މި ވިންޑް ސްޕީޑަކީ 'މިޑް-ސައިޒް ވިންޑް ޓާބައިން (100kW-1000kW)' އެއް ބަހައްޓައިގެން ކަރަންޓު އުފެއްދުމަށް އެކަށީގެންވާ ވިންޑް ސްޕީޑެއްކަމުގައި މި ޑޭޓާނެގި މާހިރުން ވިދާޅުވެއެވެ.
މި ރިޕޯޓް ލިޔުއްވެވި ޏ. ފުވައްމުލަކު މައްސާގުގޭ ޝަޒީނާ އިސްމާއީލަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ހަކަތައާބެހޭ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް އޮފިސަރެކެވެ. ޝަޒީނާ ވަނީ އިންޑިއާގެ ޔުނިވާސިޓީ އޮފް މައިސޫރުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފަ އެވެ.
މަތީގައިވާ މައުލޫމާތުތަކަށް ބިނާކޮށް ވައިން ހަކަތަ އުފެއްދުމަކީ ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރެވިދާނެކަމެއްކަމަށް ފެނެއެވެ. ޑީސަލް ޖެނެރޭޓަރު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްވުރެ ވައިން ކަރަންޓު އުފެއްދުން އަގު ހެޔޮވެފައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ އެވެ.
އެޑިޓަރުގެ ނޯޓް
މި ރިޕޯޓް ލިޔުއްވެވި ޏ. ފުވައްމުލަކު މައްސާގުގޭ ޝަޒީނާ އިސްމާއީލަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ހަކަތައާބެހޭ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް އޮފިސަރެކެވެ. ޝަޒީނާ ވަނީ އިންޑިއާގެ ޔުނިވާސިޓީ އޮފް މައިސޫރުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފަ އެވެ.