މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އިދިކޮޅު ފަރާތްތައް އިސްލާމީ މަރުކަޒުގައި ދުއާ ކުރަން އުޅުމުން ހުރަސް އަޅައިފި

އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އަޅައިފި އެވެ. އިދިކޮޅު އިއްތިހާދުން ރާވައިގެން ކުރިޔަށް ގެންދަން ނިންމި ދުއާ ކުރުމަށް ފުލުހުން ހުރަސް އަޅާފައިވާ އިރު ފުލުހުން ރޭ ބުނެފައި ވަނީ މިސްކިތު ބޭރުގައި ނުވަތަ މިސްކިތް ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިނގުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް ބައެއް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އިސްލާމީ މަރުކަޒު ބޭރުގައި އެއްވާން މަސައްކަތްކޮށްފައެވެ. އަދި އިސްވެ ދުއާ ކުރަން އުޅުނީ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެވެ. ނަމަވެސް ފުލުހުން ވަނީ ދުއާ ކުރަން ފެށުމުގެ ކުރިން އެކަމަށް ހުރަސް އަޅައިފައެވެ.

ފުލުހުން ހުރަސް އެޅުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ އިސްލާމީ މަރުކަޒުގެ ތެރޭގައި އަޑު ގަދަކޮށް ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާފަ އެވެ. އަދި ބައެއް މީހުން ހުތުރު ބަސްތައް ވެސް ބޭނުންކޮށްފައި ވެއެެވެ.

ނަމަވެސް ފުލުހުން ވަނީ އިސްލާމީ މަރުކަޒު ސަރަހައްދުން އެމީހުން ބޭރުކޮށްފައެވެ.

އިދިކޮޅު އިއްތިހާދުން ދުއާ ކުރުމުގެ އިތުރުން އިއްޔެ ވަނީ ރައީސްއާ ސަލާން ކުރަން ދާނެ ވާހަކަވެސް އިއުލާން ކުރައްވައިފައެވެ. އަދި ސަލާމް ކުރުމަށް ފަހު އިސްތިއުފާ ދިނުމަށް ގޮވާލާނެ ކަމަށް އެ އިއްތިހާދުން ބުންޏެވެ.