ވިޔަފާރި

ކްރޫޒްލައިނާއެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިވެހިންނަށް

  • ކްރޫޒްލައިނާ ޕެކޭޖު 15 ގައި އިއުލާނުކުރާނެ
  • ދިވެހިން ދަތުރު ފަށާނީ ރާއްޖޭން
  • ކޯސްޓާގައި މަޝްހޫރު ކްރޫޒްލައިނާތައް ހުރޭ

ކްރޫޒްލައިނާގައި ދިވެހިންނަށް ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭން އިނަ މޯލްޑިވްސް އިން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ މި ފުރުސަތުގެ ދަށުން ދުނިޔޭގެ މަޝްހޫރު ކްރޫޒްލައިނާއެއް ކަމަށްވާ "ކޯސްޓާ" ގައި ދިވެހިންނަށް ޗުއްޓީ ހޭދަ ކުރަން ލިބޭނެ ކަމަށެވެ.

"މިއީ އަދި އާ ކަމެއް. އަޅުގަނޑުމެން ކްރޫޒްލައިނާ ޕެކޭޖު ތައާރަފު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސްޓާ ރާއްޖެ އައުމުން ރާއްޖޭން ކްރޫޒްލައިނާއަށް އެރޭގޮތަށް ވިއްކާ މި ޕެކޭޖުގެ ސީދާ އަގު ފަހުން އިއުލާނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ބޮލަކަށް 999 ޑޮލަރު [ގާތްގަނޑަކަށް 13،878ރ.] ވަރުވާނެ ކަމަށް،" ކޯސްޓާގެ ކްރޫޒްލައިނާތަކުގެ ރާއްޖޭގެ އެޖެންޓް ކަމަށްވާ އިނަ މޯލްޑިވްސްގެ އެމްޑީ، ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރޫޒްލައިނާއަށް އަރާ ދިވެހިންނަށް މުންބާއީ އާއި ސްރީލަންކާގެ ސަރަހައްދުގައި ދަތުރުކެވޭނެ ކަމަށެވެ.

"ކޯސްޓާއަކީ ދުނިޔެއަށް މަޝްހޫރު ކްރޫޒްލައިނާ ކުންފުންޏެކެވެ. މިގޮތުން ރާއްޖެއަށް އަންނަ ކްރޫޒްލައިނާގައި ގާތްގަނޑަކަށް 700 ކޮޓަރި ހުންނާނެ އެވެ. މީގެ އިތުރުން ސުވިމިން ޕޫލާއި ބޮޑެތި ޝޮޕިން ކޮމްޕެކްސްތަކުގެ އިތުރުން ހިތްފަސޭހަ ބޮޑު މާހައުލެއް އޮންނާނެ އެވެ.