ބޭރު ކުޅިވަރު

މެސީ 21 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

Jul 6, 2016
2

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބާސެލޯނާގެ މަޝްހޫރު ފޯވާޑް، ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޓެކުހަށް މަކަރު ހެދިކަން ސާބިތުވެ، އެ ދެ މީހުން ވެސް 21 މަސްދުވަހަށް ޖަލަށް ލުމަށް، ސްޕޭންގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ތިން ފަހަރެއްގެ މަތިން ޓެކްހަށް މަކަރު ހެދިކަން ސާބިތުވެފައިވާ އިރު، ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 2007 އިން 2009 އަކަށް ޓެކްސްގެ ގޮތުގައި މެސީ ދައްކަން ޖެހޭ 4.1 މިލިއަން ޔޫރޯ ނުދައްކައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގައި އޭނާގެ ބައްޕަ ބައިވެރިވާކަން ވެސް ވަނީ ޝަރީއަތަށް ސާބިތުވެފަ އެވެ.

ޖަލު ހުކުމުގެ އިތުރަށް އެ ކުށުގެ އަދަބެއްގެ ގޮތުން، ޖޫރިމަނާގެ ގޮތުގައި ދެ މިލިއަން ޔޫރޯ ދެއްކުމަށް ވެސް މެސީގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭނާގެ ބައްޕަ ޖޯޖް ވެސް ވަނީ 1.5 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައިވެ އެވެ.

އެ ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މެސީއަށް ލިބޭނެ އެވެ. ސްޕޭންގެ ގާނޫނުތައް ބުނާ ގޮތުން، ދެ އަހަރަށް ވުރެ ކުރު މުއްދަތުގެ ހުކުމެއް ނަމަ، ޖަލަށް ނުގޮސް ލުއި ލިބޭނެ އެވެ. އެހެން ކަމުން މެސީ އާއި އޭނާގެ ބައްޕަ ޖަލަށް ލާނެ ކަމަކަށް ނުބެލެވެ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ދާދިފަހުން ކުޅުން ހުއްޓާލި މެސީ އެ ހުކުމާ ގުޅިގެން ބުނީ، ފައިސާގެ ކަންކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޭނާއަށް ނޭނގޭ ކަމަށެވެ.