މާލޭ ސިޓީ

މާލެ ތްރީޑީ ސްޓްރީޓް އާޓް ފެސްޓިވަލް ފަށައިފި

މިނިވަންދުވަހާ ގުޅިގެން މާލޭގެ މަގުތަކާއި ސަރަހައްދުތައް ތުރީޑީ ކުރެހުމުން ޒީނަތްތެރި ކުރުމަށް ހޯމް މިނިސްޓްރީން އިންތިޒާމް ކުރި ތްރީޑީ ސްޓްރިޓް އާޓް ފެސްޓިވަލް މިއަދު ފަށައިފި އެވެ.

ފެސްޓިވަލް ފެށުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެސްޓިވަލް ފައްޓަވައިދެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

މިއަދު އިފްތިތާހުކުރި ފެސްޓިވަލްގައި، ޑެޕިއުޓީ ހޯމް މިނިސްޓަރު މާޒް މުހައްމަދު ސަލީމް ވަނީ މާލޭގައި ކުރަހަން ހަރަކާތްތެރިވާނެ ބޭރުގެ އާޓިސްޓުންގެ ޓީމް ތައާރަފްކޮށްދެއްވާފަ އެވެ. މާލޭގެ މަގުތައް ކުރެހުމުގައި ހަރަކާތްތެރިވާނީ އޮސްޓްރޭލިއާގެ ފަންނާނުންގެ ޓީމެކެވެ.

ހޯމް މިނިސްޓްރީން ބުނީ، ފާ އަވޭ ހޮލިޑޭސް އާ ގުޅިގެން ހޯދާފައިވާ އޮސްޓްރޭލިއާގެ އާޓިސްޓުންގެ އެ ޓީމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ތްރީޑީ އާޓް މަންޒަރުތައް ކުރަހާ، އެކަމުގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބައެއް ކަމަށެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހު އެ މިނިސްޓްރީން ކަނޑައަޅާ ފަސް ސަރަހައްދެއްގެ އިތުރުން ބައެއް އިމާރާތްތަކުގެ ފާރުގައި ތްރީޑީކޮށް ކުރެހުމުގައި އެޓީމް ހަރަކާތްތެރިވާނެ އެވެ.