ދިވެހި މީޑިއާ

ހަވީރުގެ މުވައްޒަފުންނަށްކުރި އަމުރު ގާނޫނާ ހިލާފު، އިސްތިުއުނާފުކުރާނަން: އޭޖީ އޮފީސް

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި އެ އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެފި އެވެ.

ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން "މިހާރު" ނޫހުގައި މަސައްކަތްކުރަމުންދާއިރު، ދެ އަހަރުވަންދެން އެ މުވައްޒަފުން "ހަވީރު" ނޫން އެހެން ނޫހެއްގައި މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަން ސިވިލް ކޯޓުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ބުނެފައިވަނީ އަމުރު އެގޮތަށް އޮތްނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ހަވީރުގެ ކުރީގެ މުވައްޒަފުންންނަށް ކޮށްފައިވާ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށާއި އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމި ހަ ސަބަބު ވަރަށް ތަފްސީލުކޮށް ނޫސް ބަޔާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ނޫސް މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާމެދު ވަކި ތަނެއްގައި މަސައްކަތްކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީއަށް ނުވަތަ ސަރުކާރުގެ އެހެން ވުޒާރާއަކަށް ވެސް ލިބިފައިނުވުމެވެ. ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒުކުރެވޭނެ ނިންމުމަކަށްނުވުމެވެ.

ތިންވަނަ ސަބަބަކީ، ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް އަދާުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާތީ އެވެ. ހަތަރުވަނަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓަށް ތިން ހިއްސާދާރުން ހުށަހަޅާފައިވާ މައްސަލާގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިނުވުމެވެ. ފަސްވަނަ ސަބަބަކީ، ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އެފަރާތްތަކުގެ އަސާސީ ހައްގުތައް ހިފެހެއްޓިގެންދާފަދަ އަމުރެއް ކުރިއިރު، އެ މުވައްޒަފުންގެ ބަހެއް ހޯދާފައިނުވުމެވެ.

ފަހު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓު ހުކުމުގައި މިބައި ރައްދުވާ ފަރާތްތަުގެ ތެރޭގައި 3 ފެބުރުއަރީ 2016 އިން ފެށިގެން ހަވީރުގައި ވަޒީފާއަދާކޮށްފައިވާ އެންމެހައި މުވައްޒަފުން ހިމެނޭއިރު، އެކިއެކި މުއްދަތުގައި އެކިއެކި ހައިސިއްޔަތުތަކުން އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު އެއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވުމެވެ.