މާލޭ ސިޓީ

މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް ފަށަނީ

Jul 9, 2016
6

އަލުން މާލޭގެ މަގުތައް ރީޑިޒައިންކޮށް ހެދުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ފެށުމަށް އެކަމަށް ބޭނުންވާ މެޝިނަރީ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަޝްރޫއުގެ ހުރިހާ ތައްޔާރީތަކެއްވެ ނިމުމުން މަގުތައް ހަދަން ފަށާއިރު ބައެއް ސާމާނު މި މަހުގެ ތެރޭގައި ގެންނާނެ ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ ބައިތަކާއި މަސައްކަތް ހަވާލު ކުރާ ފަރާތާއި މަޝްރޫއުގެ އިތުރު ތަފުސީލްތަކެއް މިނިސްޓަރު ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެ މަޝްރޫއުގައި މާލޭގެ މަގުތައް ރީތި ކުރުމާއެކު ގާތަކާއި މިހާރު ހުރި ކާނުތައް މުޅިން ބަދަލު ކުރާނެ ކަމަށާއި އެ މަޝްރޫއު ފަށާނީ މަޖީދީ މަގުން ކަމަށެވެ.

މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއަކަށް ތައްޔާރުވަމުން އަންނަ އިރު މާލެ ވަށައި އޮތް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މާލޭގައި މަގު ހެދުމުގެ ބޮޑު މަޝްރޫއެއް އެންމެ ފަހުން ކުރިޔަށްގެންގޮސްފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ބެއްލެވެމުގެ ދަށުންނެވެ.