މޫސާ ޒަމީރު

ޒަމީރުގެ ހާލުކޮޅު ރަނގަޅު

Jul 9, 2016
1

ކުއްލި ގޮތަކަށް މެއަށް ތަދުވާން ފަށައި ހާލުކޮޅު ދެރަވުމާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން އަންނަ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާލުކޮޅު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު ޒަމީރުގެ ހާލުކޮޅު މިހާރު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށާއި އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްޓްތައް ހެދި އިރު ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިއެއް ވަރަށް ބޮޑަށް ބެދިފައިވާ ކަމަށް ޓެސްޓްތަކުން ދެއްކި ކަމަށެވެ. އަދި ބުނީ އެކަމާ ގުޅިގެން ކުރި އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށާއި ވަރަށް އަވަހާ މިނިސްޓަރު ހޮސްޕިޓަލުން ދޫކޮށްލައްވާނެ ކަމަށެވެ.

ވަރަށް މަދުން ދުންފަތުގެ އިސްތިއުމާލު ކުރައްވާ މިނިސްޓަރު ޒަމީރުގެ މެޔަށް ތަދެއް އަރާ ހާލުކޮޅު ދެރަވީ ރޭ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށެވެ.

ޒަމީރުގެ މެއަށް ތަދެއް އަރައި ފަރުވާ ދެމުން އަންނަ އިރު މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި އެޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ގެ މެއަށް ތަދު އަރައިގެން ވެސް ވަނީ ފަރުވާ ހޯއްދަވާފަ އެވެ.