ބޭރު ކުޅިވަރު

ސަސްޕެންޝަނަކާ ނުލައި ސަކޯ ސަލާމަތްވެއްޖެ

މަނާ ބޭހެއް ބޭނުން ކުރުމުގެ ތުހުމަތުގައި ވަގުތީގޮތުން ސަސްޕެންޑްކޮށްފައި ހުރި ލިވަޕޫލާއި ފްރާންސްގެ ޑިފެންޑަރު މަމަޑޯ ސަކޯ އަށް އިތުރު އަދަބެއް ނުދޭން ނިންމައި ސަސްޕެންޝަން އުވާލައިފި އެވެ.

ޔޫއޭފާގެ ކޮންޓްރޯލް އެތިކްސް އަދި ޑިސިޕްލިނަރީ ކޮމިޓީން މި މައްސަަލަ ކުރިއަށް ނުގެންދަން ނިންމީ 26 އަހަރުގެ ޑިފެންޑަރު ބޭނުންކުރި ބޭސް ތަހުލީލި ކުރުމަށްފަހު އެއީ މަނާ ބޭހެއްނޫން ކަމަށް ކަނޑައަޅައިގެންނެވެެ.

ސަކޯ ވެސް މިހާތަނަށް ބުނަމުން އައީ އޭނާ ބޭސް ކަމުންދިޔައީ ސަރުބީ ވިރުވާލުމުގެ ބޭނުމުގައިި ކަމަށެވެ.

މި މައްސަލާގައި ސަކޯ 30 ދުވަހަށް ސަސްޕެންޑްކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ކުރި ޑޯޕިން ޓެސްޓުން މަނާ ބޭހަށް އޭނާ ޕޮޒިޓިވް ވުމުންނެވެ.

ނަމަވެސް ސަކޯގެ ދިފާއީ ޓީމުން ވަނީ އޭނާ ބޭނުންކޮށްފައިވާ ބޭހަކީ ސަރުބީ ވިރުވާލަން ބޭނުންކުރި ބޭހެއް ކަމަށާއި އޭގެ ސަބަބުން މަނާ ބޭހަށް ޕޮޒިޓިވް ވެދާނެ ކަމުގެ ސައިންޓިފިކް ހެދި ދައްކައިފަ އެވެ. އަދި އޭނާ ބޭނުންކޮށްފައިވާ ބޭހަކީ އިންޓަނޭޝަނަލް ޑޯޕިން އެސޯސިއޭޝަނުން މަނާ ބޭހެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއްނޫން ކަމަށް ސަކޯގެ ޓީމުން ދިފާއީ ޓީމުން ބުނުމުން ޔޫއޭފާއިން ވެސް ވަނީ މިކަމަށް އެއްބަސްވެފަ އެވެ.

މި މައްސަލަ ވަކިގޮތަކަށް ނުނިމޭތީވެ މި ފަހަރުގެ ޔޫރޯގައި ކުޅުމުގެ ފުރުސަތު ވެސް ސަކޯ އަށް ވަނ ގެއްލިފަ އެވެ. މައްސަލަ ނިމުމުން އޭނާ ބުނީ އަލުން ކުޅެން ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި ފާއިތުވެދިޔަ ދެތިން މަހަކީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.