ޝާހްރުކް ހާން

ޝާހްރުކް ބުނަނީ އޭނާއަކީ ރޮމޭންޓިކް ހީރޯއެއް ކަމަށް!

Jul 10, 2016
1

ބޮލީވުޑްގެ "ކިންގް" ގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ ޝާހްރުކް ޚާން އާއި އަނެއް ދެ ޚާނުން ކަމަށްވާ ސަލްމާން ޚާން އާއި އާމިރް ޚާން އަކީ ބޮލީވުޑްގެ އެންމެ ވާދަވެރި ތަރިންނެވެ.

ގާތް އެކުވެރިކަމެއް މި ތިން ތަރިންގެ މެދުގައި އޮތް ނަމަވެސް ބޮކްސް އޮފީހުގައި މި ތަރިންގެ ފިލްމުތަކުގެ ވާދަވެރިކަން ބޮޑެވެ. އީދު ދުވަހު ނުކުތް ސަލްމާން ރެސްލިންތެޅުންތެރިއެއްގެ ރޯލުން ފެނިގެންދާ "ސުލްތާން" މިއަހަރުގެ އެންމެ ކާމިޔާބު ފެށުމެއް ލިބުނު ފިލްމުގެ ރެކޯޑް މިހާރުވެސް މުގުރާލާފައިވާއިރު، އާމިރުގެ ވެސް ރެސްލިންތެޅުންތެރިއެއްގެ ރޯލުން ފެނިގެންދާ "ޑަންގާލް" މިއަހަރުގެ ފަހުކޮޅު ނިކުންނާނެ އެވެ.

މި ދެ އެކްޓަރުން މިފިލްމުތައް ކުޅުމަށް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މި އެކްޓަރުން ގޮތަށް ފިޒިކަލީ ޗެލެންޖިން ރޯލެއް ކުޅުމުގެ ޝައުގުވެރިކަމެއް ޝާހްރުކްގެ ނެތެވެ.

ޝާހްރުކް ވަނީ އީދު ދުވަސް ފާހަގަ ކުރުމަށް އޭނާގެ ގޭގައި ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އާމިރް އާއި ސަލްމާން ރެސްލިންތަޅާ ފިލްމުތައް ކުޅެން ދޫކޮށްލަންވީ ކަމަށާއި އެފަދަ ފިލްމުތައް ކުޅުމުގެ އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ވެސް އަދި އެއީ އެއްއިރެއްގައި ވެސް އޭނާ މާ ގަޔާވާ ކަހަލަ ފިލްމުތަކެއް ވެސް ނޫން ކަމަށް ބުނެފަ އެވެ. އޭނާ ބުނަނީ އޭނާ އަކީ ރޮމޭންޓިކް ހީރޯ އެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ބޭނުންވަނީ ރޮމޭންޓިކް ރޯލްތައް ކުޅެން ކަމަށެވެ.

"އެއްވެސް ގޮތަކަށް އަހަރެން ރެސްލިން ތެޅުންތެރިޔަކާ ވައްތަރެއް ވެސް ނޫން. އަހަންނަކީ ރޮމޭންޓިކް ހީރޯ އެއް،" ޝާހްރުކް ބުނެފައިވެ އެވެ.

ޝާހްރުކް އިތުރަށް ވަނީ ސަލްމާން އާއި އާމިރް ރެސްލިންކުޅޭ ރޯލުތައް ފިލްމުތަކުގައި ކުޅުނު ނަމަވެސް އޭނާ އެފަދަ ރޯލެއް ކުޅެން ޖެހޭ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.

ޝާހްރުކްގެ މިއަހަރު ކުރީކޮޅު ނިކުތް "ފޭން" އަށް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިނުވާއިރު، ސަލްމާންގެ "ސުލްތާން" އާއެކު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް "ރައީސް" ވަނީ ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ނުދާނެ ވެގެން ރިލީޒް ކުރުން ލަސްކޮށްފަ އެވެ. އެފިލްމު ރިލީޒް ކުރުން އަންނަ އަހަރަށް ލަސް ކުރުމާ ގުޅިގެން ޝާހްރުކް ވަނީ ބޮޑު ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒް ކުރެވޭނީ ގާތްގަނޑަކަށް ދިހަ ހާހެއްހާ ސިނަމާ ހުރެގެން ކަމަށާއި އެހެން ނޫން ނަމަ އެފަދަ ފިލްމުތައް އުފައްދަން ކުރާ ހަރަދުތައް ވެސް ފޫނުބެދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ފިލްމުގެ ޝޫޓިންގެ ތެރެއިން އޭނާ އަށް އަނިޔާވެ އެއް ދެތިން މަންޒަރެއް ނުނެގިފައިވާތީ އެއީ ވެސް ރިލީޒްކުރުން ލަސްކުރި ސަބަބެއް ކަމަށް ޝާހްރުކް ވަނީ ބުނެފަ އެވެ.

ޝާހްރުކްގެ "ރައީސް" ޑައިރެކްޓް ކޮށްފައިވަނީ ރާހުލް ދޯލާކިޔާ އެވެ. ޝާހްރުކް އާއެކު ލީޑްރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އެވެ. އަދި މުހިންމު ރޯލަކުން ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.