ފިނިޕޭޖް

"އިންޑިއާސް ގޮޓް ޓެލެންޓް" ނިންމާލުމަށްފަހު މަލައިކާ ރާއްޖެއަށް!

ކާލާސް ޓީވީން ދެއްކި "އިންޑިއާ ގޮޓް ޓެލެންޓް" ގެ މި އަހަރުގެ ސީޒަން ނިންމާލުމަށްފަހު ޗުއްޓީ ހޭދަކޮށްލަން އެ ޝޯގެ އެއް ޖަޖު ކަމަށްވާ ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ މަލައިކާ އަރޯރާ ހާން ރާއްޖެ އަތުވެއްޖެ އެވެ. ޝޯގެ ފައިނަލް ދައްކާފައިވަނީ ރޭގަ އެވެ. މަލައިކާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނެވެ.

ޗުއްޓީ ހޭދަކޮށްލުމަށް މަލައިކާ ގޮސްފައިވަނީ ފޯ ސީޒަން ރިސޯޓަށެވެ. އެ ރިސޯޓަށް ދިއުމަށްފަހު މަލައިކާ ވަނީ އިންސްޓަގްރާމަށް ފޯ ސީޒަންގެ ފޮޓޯއަކާއި، އެ ރިސޯޓްގައި އޭނާ ޗުއްޓީ ހޭދަކޮށްލަމުންދާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ.

މަލައިކާ ރާއްޖެ އައިސްފައިވަނީ ކޮން ބަޔަކާއެކު ކަމެއް ސާފެއް ނުވެ އެވެ. އިންސްޓަގްރާމް ފޮޓޯއަށް ބަލާއިރު ބެލެވޭނީ އޭނާ ރާއްޖެ އައިސްފައިވަނީ އެކަނި ކަމަށެވެ.

ޗުއްޓީއަށް މަލައިކާ ރާއްޖެ އައިސްފައި މިވަނީ އޭނާގެ ކައިވެނީގައި މައްސަލަތަކެއް ޖެހި، އެ މައްސަލަތައް ހައްލުވެފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.