އަހުމަދު މަހްލޫފު

މަހުލޫފްގެ މައްސަލައެއްގެ އަޑުއެހުން ނިންމާލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލީ މިއަދު އެވެ.

މަހުލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު މި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތްކުރި ކަމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާގެ އަޑުއެހުންތައް އަދި ނުނިމެ އެވެ. ނަމަވެސް ހެކިންގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

މަހުލޫފުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެފައިވަނީ، މަހުލޫފު ކޯޓުން ނެރުނު ވަގުތު އެތަނަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާއިލާ މީހުން އެއްވެ ތިބުމުން އެމީހުންނަށް "ހައި" ޖަހާލުމަށް މަހުލޫފު މަޑުކޮށްލި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ގަދަކަމުން ވެހިކަލަށް އަރުވަން މަސައްކަތް ކޮށްފަ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ، އެ ސަރަހައްދުގައި މަހުލޫފުގެ އަންހެނުން ހުރުމުން، ނުފެނި ގިނަ ދުވަސްވެފައިވާތީ ބައްދާލާ، ސަލާމްކޮށްލަން ބޭނުންވެ އެކަން ކުރަން އުޅުނު ކަމަށާއި އެއީ ފުލުހުންނަށް ފިލަން ކުރި ކަމެއް ނޫން ކަމަށެވެ.

މަހުލޫފާ ދެކޮޅަށް ހަތަރު ފުލުހެއް ވަނީ ހެކި ބަސް ދީފަ އެވެ. އެ ހަތަރު ފުލުހުންނަކީ ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ހަތަރު ފުލުހުންނެވެ. އެއީ އަހްމަދު ހުސައިން، ރިލްވާން އާދަމް، މުހައްމަދު މަމްދޫހު، އަލީ މުރުތަލާ، އަހްމަދު އަބްދުލް ހަމީދު އަދި ހަސަން ފައިސަލެވެ.

ހަތަރު ފުލުހުން ވެސް ބުނީ، ފުލުހުންގެ ވެހިކަލަށް އެރުމަށް މަހުލޫފަފު ދެކޮޅު ހަދައި، ފުލުހުންގެ ވެހިކަލާ ދުރަށް ހިލާލީގެއާ ދިމާލަށް ދުއްވައިގަތް ކަމަށެވެ.

ހުލޫފުގެ ދިފާއުގައި ދެ ނޫސްވެރިޔަކު ކްރިމިނަލް ކޯޓުގައި ވަނީ ހެކި ބަސް ދީފަ އެވެ. އެއީ، ހެކި ބަސް ދީފައިވާ ދެ ނޫސްވެރިންނަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލ. ގަން، ބީޗްހެވަން މުހައްމަދު ވިސާމާއި ވީޓީވީގެ، ނޫސްވެރިޔާ ހއ. ތުރާކުނު ވެޔޮދަށުގެ އަހްމަދު ހަމީދު އާދަމް އެވެ. ހެކި ބަސް ދެމުން ދެ ނޫސްވެރިން ބުނެފައިވަނީ، މަހުލޫފު ފިލަން ނުދުވާ ކަމަށާއި ނަމަވެސް މަހުލޫފު އަންހެނުންނާ ކައިރިއަށް ސަލާމް ކޮށްލަން ދިޔަ މަންޒަރު ފެނުނު ކަމަށެވެ.

މި ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ ގޮނޑި ނުގެއްލޭނެ އެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު ހުކުމެކެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ.