ފާރިސް މައުމޫން

ފާރިސްގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޕީއެމް އޮފީސް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާ ގުޅޭ ސުލޫކީ އެއްވެސް މައްސަލައެއް ޕީޕީއެމް އޮފީހަށް ހުށަހަޅާފައިވާނުވާ ކަމަށް އެ ޕާޓީގެ އޮފީހުން މިއަދު ބުނެފި އެވެ. އެ އޮފީހުން މިހެން ބުނެފައިވަނީ އެފަދަ މައްސަލަ ހުށަހަޅާފައިވޭތޯ ސާފުކުރުމަށް ފާރިސް އެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.

ފާރިސްއަށް ޕީޕީއެމް އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ޕާޓީގެ ސުލޫކީ މައްސަލަތަކާބެހޭ ގަވައިދުގެ ޗެޕްޓާ އެކެއްގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ސުލޫކީ މައްސަލަ ހުށަހަޅާނީ ޕާޓީގެ އޮފީހަށް އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ސުލޫކީ މައްސަލަ ހުށަހަޅާ ފޯމަކުންނެވެ.

ފާރިސްއާ ގުޅޭ ސުލޫކީ މައްސަލައެއް ސުލޫކީ ކޮމެޓީން ބަލައި، އެ މައްސަލާގައި ފާރިސް ޕާޓީން ވަކިކުރަން އެ ކޮމެޓީން ވަނީ ނިންމާފަ އެވެ. އެ ކޮމެޓީއަށް އެ މައްސަލަ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް ހުށަހަޅާފައިވަނީ ސިޓީއެއްގަ އެވެ.

"އެހެންކަމުން ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ފާރިސް މައުމޫންއާ ގުޅޭ ސުލޫކީ އެއްވެސް މައްސަލައެއް ޕާޓީ އޮފީހަށް ހުށަހަޅާފައިނުވާ ވާހަކަ ދެންނެވީމެވެ،" ސިޓީގައި ބުނެފައިވެ އެވެ.

ސްލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެފައިވަނީ، ފާރިސްއަށް ކޮމިޓީއަށް ހާޒިރުވުމަށް ދެންނެވި ކަމަށާއި ނަމަވެސް ޖަވާބުދާރީވުމަށް ހާޒިރުވެފައިނުވާ ކަމަށެވެ.