ހަބަރު

ބްރިޖް 2018 ޖުލައިގައި ހުޅުވާނެ، މަސައްކަތް ލަހެއް ނުވޭ: މުއިއްޒު

Jul 10, 2016
6

ބްރިޖްގެ މަސައްކަތް ލަސްނުވާ ކަމަށާއި ކަނޑައެޅިފައިވާ ތާރީހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ލަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ޝެޑިއުލް ކޮށްފައިވާ ގޮތަށް ކުރިއަށް ދާ ކަމަށާއި މަސައްކަތް މަޑުޖެހިފައި ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތް ނިންމައި، 2018 ގެ ޖުލައި މަހުގެ ތެރޭގައި ބްރިޖް ހުޅުވޭނެ ކަމަށެވެ.

"މަސައްކަތް ލަސްވާކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް،" މިނިސްޓަރު ޓްވީޓް ކުރައްވާފައިވެ އެވެ.

މިދުވަސްކޮޅު މޫސުން ގޯސްވުމުގެ ސަބަބުން ބްރިޖްގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ބުނެ، ބައެއް މީޑީއާތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. ބްރިޖް އެޅުމަށް ބޭނުންވާ ވަގުތީ ޕްލެޓް ފޯމުްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މީގެ އިތުރަށް ބްރިޖްގެ ތަނބު އަޅަން ފެށުމަށް ޖަހާ ސްޓީލް ހޮޅިތަކުގެ ތެރެއިން ތިން ހޮޅިއެއް މިހާރު ވަނީ ޖަހައިފަ އެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ، ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.