މޫސާ ޒަމީރު

މިނިސްޓަރު ޒަމީރު މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ

ކުއްލި ގޮތަކަށް މެއަށް ތަދެއް އަރައި ހާލުކޮޅު ދެރަވުމާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން އަންނަ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާލުކޮޅު ރަނގަޅުވަމުން އަންނާތީ މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.

ޒަމީރުގެ އަރިހުގައި ހުންނަވައިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ރޭ "މިއަދުގެ ވަގުތެއްގައި މިނިސްޓަރު ޒަމީރު ހޮސްޕިޓަލުން ދޫކޮށްލައްވާނެ،" ކަމަށެވެ.

ޒަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްޓްތައް ހެދި އިރު ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިއެއް ވަރަށް ބޮޑަށް ބެދިފައިވާ ކަމަށް ޓެސްޓްތަކުން ދެއްކުމައި ގުޅިގެން ވަނީ އޮޕަރޭޝަނެއް ވެސްކޮށްފަ އެވެ. އެ އޮޕަރޭޝަން ކާމިޔާބު ވުމަށް ފަހު ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ކުރިން ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރޭ ރިޔާޒު ވިދާޅުވީ ޒަމީރުގެ ހާލުކޮޅު އާދައިގެ ހާލަތަކަށް ބަދަލުވެފައިވާތީ އަދުގެ ވަގުތެއްގައި ދޫކޮށްލުމަށް ޑޮކްޓަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި "ޒަމީރު މިހާރު ރަގަޅު" ކަމަށެވެ.

ވަރަށް މަދުން ދުންފަތުގެ އިސްތިއުމާލު ކުރައްވާ މިނިސްޓަރު ޒަމީރުގެ މެޔަށް ތަދެއް އަރާ ހާލުކޮޅު ދެރަވީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށެވެ. ޒަމީރުގެ މެއަށް ތަދެއް އަރައި ފަރުވާ ދެމުން އަންނަ އިރު މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި އެޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ގެ މެއަށް ތަދު އަރައިގެން ވެސް ވަނީ ފަރުވާ ހޯއްދަވާފަ އެވެ.