ޕީޕީއެމް

ފާރިސް، ނާދިރާ އަދި އަމީން ޕާޓީން ވައްކެއް ނުކުރަން: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ކައުންސިލް މެންބަރު އާމިނަތު ނާދިރާ އަދި އާންމު މެންބަރު ޒައިދުލް އަމީން ޕީޕީއެމް އިން ވަކިކުރި ކަމަށް ދެކެވޭ ވާހަކަ އެ ޕާޓީން ދޮގުކޮށްފި އެވެ.

ޕީޕީއެމް އިން އެ ތިން މެންބަރުން ވަކިކުރި ކަން ދޮގު ކުރާ އިރު މީގެ ކުރިން އެ ޕާޓީގެ ސުލޫކީ ކޮމިޓީ އިން ބުނެފައި ވަނީ ޕީޕީއެމްގެ އަގު ވެއްޓޭ ގޮތައް ވާހަކަ ދެއްކި މައްސަލާގައި ނާދިރާ އަދި އަމީން ޕާޓީން ވަކިކޮށްފައިވާ ކަމަށާއި ފާރިޝް ވަކިކުރީ ތްރީ ލައިން ވިޕާ ދެކޮޅަށް ވޯޓު ދެއްވި މައްސަލާގައި ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ޕީޕީއެމް އިން މިއަދު ނެރުން ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފާރިސް، ނާދިރާ އަދި އަމީންގެ ސުލޫކީ މައްސަލައެއް ހުށަހަޅަން ޖެހޭނީ ގަވާއިދުގައިވާ ގޮތުގެ މަތިން ފޯމަކުން ކަމަށާއި ނަމަވެސް އެ ތިން މެންބަރުންގެ މައްސަލައެއް މިހާތަނަށް ޕާޓީއަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ބަލައިފައި ވެސް ނުވާ ކަމަށެވެ.

"..އެހެންކަމުން އެތިން މެންބަރުން [ފާރިސް، ނާދިރާ އަދި އަމީން] އަކީ އަދިވެސް މި ޕާޓީގެ މެންބަރުން ކަމުގައި ދަންނަވަން. ޕާޓީގެ ސުލޫކީ މައްސަލައެއް އެއްވެސް މެންބަރަކާމެދު ފެންމަތި ކުރުވަން ބޭނުންފުޅުވާނަމަ ޕާޓީގެ އޮފީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އެބައޮތް،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމް ތެރޭގައި ކޯޅުންތައް ގިނަވެފައިވީ ނަމަވެސް އެ މައްސަލަތައް ހައްލުކޮށް މަޝްވަރާކޮށްގެން އެކަމެއް ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.