ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަންމަގެ ހުއްދައާއެކު ބޮޑުބޭބެ ދަރިފުޅާ ބެހެފި؟!

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އުމުުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ކުއްޖާގެ ބޮޑުބޭބެ އެވެ. އަދި، ކުއްޖާއާ ޖިންސީ ގުޅުން ހިންގުމަށް ހުއްދަ ދީފައިވަނީ ކުއްޖާގެ މަންމަ އެވެ.

ފުލުހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 51 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފިރިހެން މީހާ ހައްޔަރުކުރީ މިމަހުގެ ހަވަނަ ދުވަހު ކަމަށާއި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުށިން ކަމަށެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އަކީ މާލޭގައި ދިރިއުޅެމުންދާ މީހެކެވެ. ބައެއް ޗުއްޓީތަކަށް ކުޅުދުއްފުއްޓަށް ގޮސް އެމީހާ ހުންނަނީ އެކުއްޖާގެ ގޭގައި ކަމަށެވެ.

އެފިރިހެން މީހާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އަންހެން ކުއްޖާގެ ނުރުހުމުގައި ކަމަށާއި އެކަން ކޮށްފައިވަނީ އެކުއްޖާގެ މަންމައަށް ފައިސާ އާއި އެހެނިހެން ތަކެއްދީގެން ކަމަށްވެސް ވެ އެވެ.