ހަބަރު

މާލެ ސާފުކޮށްގެން ރިސޯޓް ޗުއްޓީއެއް ބޭނުންތަ؟

މާލޭގައި ކުނީގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ސާފު ކުރާ ދުވަސްތައް ފާހަގަ ކުރެ އެވެ. އެކަމަކު މި ފަހަރު ސާފު ކުރުން ތަފާތު ވާނެ އެވެ. މާލެ ސާފު ކުރުމަށް މި މަހުގެ 29 ގައި "ދަ ސަމަ ސެޓް" ހޮޓަލުން ބާއްވަނީ ވާދަވެރި މުބާރާތެވެ. މާލެ ސާފު ކުރުމަށް އެ ހޮޓަލުން ހިންގާ ހަރަކާތުގައި ބައިވެރިވާންވީ އެވެ. ފޯރީގަ އެވެ!... އެންމެ ގިނަ ކުނި އެއްކޮށްގެން ރިސޯޓެއްގައި ހުރުން ވެސް ހޯދި ދާނެ އެވެ.

މާލޭގައި ހިންގަމުން އަންނަ ޓޫރިސްޓު ހޮޓަލެއް ކަމަށްވާ "ދަ ސަމަ ސެޓް" ން އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ހަރަކާތަކީ ފޯރިގަދަ މުބާރާތެކެވެ. މާލެ ސާފު ކުރުމަށް ބާއްވާ މި މުބާރާތުގައި އެއްވަނަ އިނާމަކަށް ދެނީ ކެތޭޕެސިފިކް އެއާލައިނުން ދެކޮޅު ޓިކެޓެވެ. ދުނިޔޭގެ އެންމެ ގިނަ މަންޒިލްތަކަށް އުދުހޭ ކެތޭޕެސިފިކް އެއާލަނާ ގުޅިގެން ދޭ މި އިނާމަކީ ހަމަ ގައިމު ވެސް ކުޑަ އިނާމެއް ނޫނެވެ. ސަމަ ސެޓުން ކުރިއަށް ގެންދާ މި މުބާރާތުގައި ދެވަނަ އިނާމު ވެސް ކުޑައެއް ނޫނެވެ.

ދެވަނަ އިނާމަކަށް ދެނީ އަދާރަންގެ ރިސޯޓެއްގެ ވޯޓާ ވިލާގައި ދެ ދުވަހުގެ ހުރުން ދެމީހަކަށް ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ޓީއެފްޖީ އިން އެކަކަށް ހަ މަސް ދުވަހުގެ ޖިމް މެންބަޝިޕް ހިލޭ ލިބޭނެ އެވެ. މިނޫން ގިނަ އިނާމުތައްވެސް ލިބެ އެވެ.

"މި ހަރަކާތުގައި ވީ އެންމެ ގިނަ ބަޔަކު ބައިވެރިކުރުމަށްޓަކައި، މިކަން ރާވާފައިވަނީ ވާދަވެރި ގޮތަކަށް މުބާރާތެއްގެ ސިފައިގަ އެވެ،" ސަމަ ސެޓް ހޮޓަލުން ބުންޏެވެ.

މި މުބާރާތުގައި އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި ސުކޫލްތަކާއި އަދި ޖުމްލަކޮށް އެންމެހާ ރައްޔިތުންނަށް ވެސް ބައިވެރިވެވިދާނެ އެވެ.

އެ ހޮޓަލުން ބުނީ މި ހަރަކާތް ރޭވުމުގައި އެ ހޮޓެލަށް ކެތޭ ޕެސެފިކް އެއާލައިނާއި މިނިސްޓްރީ އޮފް އެންވަޔަރުމެންޓް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން އަދި ކޮކާކޯލާ ކޮމްޕެނީގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އަދި އިޖުތިމާއީ ރޫޚްގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ހޮޓަލުގެ ވަރަށް ބޮޑު އަދެމުން ކަމަށެވެ.