އެމްޑީޕީ

އާޓިފިޝަލް ބީޗްގައި އެމްޑީޕީން އަހަރީ ދުވަހުގެ އުފާ ފާޅުކޮށްފި

އެމްޑީޕީއަށް 11 އަހަރު ފުރުމުގެ އުފަލުގައި މިރޭ އެ ޕާޓީން މާލޭގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އެ ހަރަކާތުގައި ޕާޓީގެ އާންމު މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

އަހަރީ ދުވަހުގެ އުފަލުގައި އެމްޑީޕީއިން ރޭވީ މިރޭ މާލޭގެ މަގުތަކުގައި ހިނގާލާށެވެ. ނަމަވެސް ހިނގާލުން އާޓިފިޝަލް ބީޗުން ފެށިތަނާ ފުލުހުން ވަނީ ބެރިކޭޑް ޖަހައި ހިނގާލުން ހުއްޓުވާފަ އެވެ. ހިނގާލުން ހުއްޓުވުމުން އެ ސަރަހައްދުގައި ހިނގާލުމުގެ ބައިވެރިން ވަނީ މަޑުކޮށް ހިޔާލު ފާޅުކޮށްފަ އެވެ.

ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ މިރޭ ޕާޓީގެ މެންބަރުންނާ މުހާތަބު ވެސް ކޮށްފަ އެވެ. އެމްޑީޕީއިން 11 އަހަރު ދުވަސް ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާބެހޭ ގޮތުން ވެސް ލީޑަޝިޕްގެ ބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު އެމްޑީޕީއިން ކުރި މަސައްކަތްތަކުން ލިބުނު ބައެއް ހައްގުތައް ވެސް މިހާރު ހަނިވެފައިވާ ކަމަށް ބުނެ އަޑު އުފުލާފައިވެއެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވަނީ އެމްޑީޕީގެ ހިނގާލުން ހުއްޓުވުމަށް ފުލުހުންނަށް ނޭންގޭނެ ކަމަށާއި ހިނގާލުން ފުލުހުން ހުއްޓުވާފައިވަނީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެ ތިބެ ކަމަށް ވިދާޅުވެފަ އެވެ.

މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޑިއުޓީގައި ތިބޭ ވަކިވަކި ފުލުހުންނާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށް މިރޭ ފުލުހުން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އަމަލުތައް ބަހައްޓާ ފުލުހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެންއައިސީއަށް ހުށަހަޅާނެ ކަމަށެވެ. އެގޮތުން ދުވާރުމަތީގައި ހުއްޓާ މިރޭ ރޮޒެއިނާގެ އަތުގައި ހިފާ ދެމި ދެ ފުލުހެއްގެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީއިން ބޮނޑިބަތް ބެހި އެއްވުމުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ހައްޔަރު ކުރުން ފިޔަވައި އިތުރު ހާދިސާއެއް މެދުވެރިއެއް ނުވެއެވެ.

އެމްޑީޕީން ރޭވި ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައިވާއިރު، އެ ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ ކުރިންސުރެ އެމްޑީޕީއަށް އަންގާފަ އެވެ. ފުލުހުން ބުނެފައި ވަނީ އާންމުންނަށް ދަތިވާތީ އެފަދަ ހަރަކާތްތައް ހިންގުމަށް އެއްވެސް ފަރާތަކަށް ޖާގަ ނުދޭނެ ކަމަށެވެ.