ހަބަރު

އަރުހަމްގެ ބައްޕަ ބޭނުންވަނީ ދައުވާލިބޭ މީހުންގެ ކިބައިން މަރަށް މަރު ހިފަން

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ބައްޕަ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަރުހަމްގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އަރުހަމްގެ ބައްޕަ ކޯޓުގައި މިއަދު ބުންޏެވެ.

އަރުހަމްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރަނީ ގއ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމްގެ އިތުރުން އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

އަރުހަމްގެ ބައްޕަ އެގޮތަށް ބުނީ އަރުހަމްގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރުގެ ދިޔަ ތޯ ނުވަތަ މައާފް ކުރަން ތޯ ނުވަތަ މަރަށް މަރު ހިފަން ތޯ ވިދާޅުވެ، އޭނާގެ ކުރެން ގާޒީ ސުވާލު ކުރެއްވުމުންނެވެ. އަރުހަމްގެ ވާރިސުންގެ ގޮތުގައި އޭނާގެ ބައްޕަ އާއި މަންމަގެ އިތުރުން ދައްތައެއް ހުންނަ ނަމަވެސް މިއަދު ނެގި އޭނާގެ ބައްޕަގެ ބަޔާން އެކަންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ ބައެއް މީހުން ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވާތީ އެކަމުގެ ޝަކުވާކޮށްފަ އެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.