ޖިންސީ ގޯނާ

ޖިންސީ އަނިޔާ ލިބެމުންދިޔަ ކުޅުދުއްފުށީ އަންހެން ކުއްޖާގެ ގެ ބަދަލުކޮށްފި

ހދ. ކުޅުފުއްފުށީގައި ބޮޑު ބޭބެއެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދިޔަ 16 އަހަރުގެ އަންހެންކުއްޖާ ކުރިން ހުރި ގެއިން އެހެން ގެއަކަށް ބަދަލުކޮށްފި އެވެ. ކުޅުދުއްފުށީ 16 އަހަރުގެ އަންހެންކުއްޖަކަށް ދޭތެރެ ދޭތެރެއިން އެ ގެއަށް ޒިޔާރަތްކުރާ ބޮޑު ބޭބެއެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މައްސަލައެއް ފުލުހަށް ހުށަހެޅީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މަންމަގެ ރުހުމުގައި، ބޮޑު ބޭބެ އެ އަންހެން ކުއްޖާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި ފުލުހުން ވަނީ ބޮޑު ބޭބެއާއި މަންމަ ހައްޔަރު ކޮށްފަ އެވެ.

ޖެންޑަ މިނިސްޓްރީގެ ފެމިލީ ޕްރޮޓެކްޝަން ކޮންސަލްޓެންޓް އަކްރަމް ހުސައިން ވިދާޅުވީ، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބެމުންދާ ކަމުގެ ރިޕޯޓެއް މިދިއަ އީދު ދުވަހު ފުލުހަށް ހުށަހެޅުމުން އެރަށުގައި ހުންނަ ޖެންޑަ މިނިސްޓްރީގެ އޮފީހަށް އެކަން ހުށަހެޅި ކަމަށެވެ. އެއާއެކު އެ އަންހެންކުއްޖާ ރައްކާތެރިކަމުގެ މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެކުއްޖާ މިހާރު ބަހައްޓާފައި ހުރީ އާއިލާގެ އެހެން މީހެއްގެ ގޭގަ އެވެ.

މި މައްސަލައަކީ ފުލުހުން މިހާރުވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ، ޖެންޑަ މިނިސްޓްރީން އެ އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެހެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"ޖެންޑަ މިނިސްޓްރީގެ ދައުރަކަށް މި އޮންނަނީ އެފަދަ ހާދިސާއެއްގެ ރިޕޯޓު ލިބުމުން، އަނިޔާ ލިބޭ ފަރާތަށް ރައްކާތެރިކަން ހޯދައިދިނުމާއި ރައްކާތެރި މާހައުލެއް ހޯދައިދިނުން، އެކަން އަޅުގަނޑުމެން މިވަނީ ފުރިހަމަ ކޮށްފައި، އާއިލާގެ ތެރެއިން ރައްކާތެރި މާހައުލެއް އެކުއްޖާއަށް މިވަނީ ހޯދައިދީފައި. އެ މައްސަލަ އަޅުގަނޑުމެންނާ ހަމައަށް އައީ އީދު ދުވަހު، އެއާއެކު ވަގުތުން ވަގުތައް އެކުއްޖާ މިވަނީ އެހެން ތަނަކަށް ބަދަލުކޮށްފައި، އޭގެ މާނައަކީ މިހާރު އެކުއްޖާ ހުރީ އަނިޔާ ލިބެމުންދިޔަ މާހައުލުގައެއް ނޫނޭ،" އަކްރަމް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ބޮޑު ބޭބެއަކީ މާލޭގައި ދިރިއުޅެމުންދާ މީހެކެވެ. ބައެއް ޗުއްޓީތަކަށް ކުޅުދުއްފުއްޓަށް ގޮސް އެމީހާ ހުންނަނީ އެކުއްޖާގެ ގޭގައި ކަމަށްވެ އެވެ. އޭނާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އަންހެން ކުއްޖާގެ ނުރުހުމުގައި ކަމަށާއި އެކަން ކޮށްފައިވަނީ އެކުއްޖާގެ މަންމައަށް ފައިސާ އާއި އެހެނިހެން ތަކެތި ދީގެން ކަމަށްވެސް ވެ އެވެ.

އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހަޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.