ޗައިނާ

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާގެ މައްޗަށް ފިލިޕީންސް ކާމިޔާބު ހޯދައިފި

Jul 12, 2016

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ޗައިނާއަށް ލިބިގެން ނުވާކަމަށް ބުނެ، ފިލިޕީންސުން ބައިނަލް އަގްވަމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި މައްސަލައިގައި ފިލިޕީންސް ކޮޅަށް ކޯޓުން ހުކުމްކޮށްފި އެވެ.

ހޮލެންޑްގެ ދަ ހޭގްގައި ހުންނަ އާބިޓްރޭޝަން ކޯޓުން ހުކުމް ކޮށްފައިވަނީ ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާގެ އަސްކަރީ ފްލީޓްތައް އެ ގައުމު ހިމެނޭ ސަރަހައްދަށް ފަހަތަށް ޖެއްސުމަށް ޗައިނާގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

އަދި 1940 ވަނަ އަހަރުގެ މެޕް ގައި ހިމެނޭ ކަމަށް ބުނެ، ޗައިނާއިން ދައުވާ ކުރާ އެ ކަނޑުގެ 1200 މޭލް ސަރަހައްދަކީ، ޗައިނާގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

"ނައިން ޑޭޝް ލައިން" ގެ ނަމުގައި ޗައިނާގެ ސަރަހައްދުގެ ގޮތުގައި އެގައުމުން ދައުވާ ކުރާ ސަރަހައްދަކީ ފިލިޕިންސްގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައިވެސް ހިމެނޭ ސަރަހައްދެކެވެ.

ކޯޓުގެ ހުކުމްގައި ޗައިނާއިން ފިލިޕީންސްގެ ގައުމީ ކަރާމަތައް އަރައިގެންފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޗައިނާއިން ދައުވާ ކުރާ ނައިން ޑޭޝް ލައިން އދ. ގެ މެރިޓައިމްގެ ގަރާރާ ހިލާފްވާކަމަށް ވެސް ބުނެފައި ވެއެވެ. ޗައިނާއިން މިއަދު ބުނެފައިވަނީ ކޯޓްގެ މަގުސަދަކީ ސީޔަސީ މަންފައެއް ހޯދުން ކަމަށާއި ކޯޓްގެ ނިންމުން ބަލައި ނުންގަންނާނެ ކަމަށެވެ.