ޕީޕީއެމް

ފާރިސްގެ މައްސަލަ ބެލިން، ޕާޓީން ވަކިކޮށްދީ: ސުލޫކީ ކޮމެޓީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ގުޅޭ ގޮތުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުން ތަންފީޒުކޮށް ދިނުމަށް، އެ ކޮމެޓީގެ މުގައްރިރު، ޕާޓީ އޮފީހުގައި އެދިއްޖެ އެވެ. އެގޮތަށް އެދިވަޑައިގަތީ، ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު، ޕާޓީގެ ޑެޕިއުޓީ ސެކްރެޓްރީ ޖެނަރަލް އަބުދުލް އަލީމަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ފާރިސްއާ ގުޅޭ ސުލޫކީ މައްސަލައެއް ސުލޫކީ ކޮމެޓީން ބަލައި، އެ މައްސަލާގައި ފާރިސް ޕާޓީން ވަކިކުރަން އެ ކޮމެޓީން ނިންމިކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ ކޮމެޓީއަށް އެ މައްސަލަ ހުށެޅުއްވީ، ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ނަމަވެސް ޕީޕީއެމްގެ އޮފީހުން އިއްޔެ ބުނެފައިވަނީ ސުލޫކީ މައްސަލަ ހުށަހަޅަން ޖެހޭނީ ގަވާއިދުގައި ބުނެފައިވާ ފޯމުގައި ކަމަށެވެ.

ޕީޕީއެމްއިން އިއްޔެ ބުނެފައިވަނީ ފާރިސްއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި ފާރިސްއަކީ ޕީޕީއެމް މެންބަރެއް ކަމަށެވެ.

ޕީޕީއެމް އޮފީހަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގައި ޕާޓީގެ މެންބަރުން ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށައަޅާނީ އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ފޯމުން ކަމަށް ބަޔާންކޮށްފައިވުމުގެ އިތުރަށް އެ މާއްދާގެ (ނ)ގައި ސުލޫކީ ކޮމެޓީއަށް ނުވަތަ ސުލޫކީ ކޮމެޓީގެ މެންބަރަކަށް އެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ގަބޫލުކުރެވޭ ކޮންމެ ކަމެއް، އަނގަ ބަހުން ސުލޫކީ ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅިދާނެ ކަމަށެވެ.

އެހެންކަމުން ފާރިސްގެ ސުލޫކީ މައްސަލަ ސުލޫކީ ކޮމެޓީން ބަލާ ފިޔަވަޅު އަޅާފައިވަނީ ފާރިސްއާ ގުޅޭ ސުލޫކީ މައްސަލައެއް ފާހަގަކުރައްވާ ޕީޖީ ގުރޫޕްގެ ފަރާތުން ސުލޫކީ ކޮމެޓީއަށް ލިޔުއްވުމާ ގުޅިގެން އެ މައްސަލައަކީ ސުލޫކީ ކޮމެޓީން ބަލަން ޖެހޭ މައްސަލައެއް ކަމުގައި ސުލޫކީ ކޮމެޓީގެ މެންބަރުންނަށް ފެނިގެން ކަމަށް ވެސް އަލީ ވަހީދު ވަނީ ސިޓީގައި ވިދާޅުވެފަ އެވެ.

"ވީމާ ފާރިސްގެ ސުލޫކީ މައްސަލަ، ސުލޫކީ ކޮމެޓީން ބަލާ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދުގެ އިސްވެ ދެންނެވުނު މާއްދާގައިވާ ގޮތުގެ މަތިން ހުށަހެޅިގެން ކަމަށްވާތީ ސުލޫކީ ކޮމެޓީގެ ނިންމުން ތަންފީޒުކޮށް ދެއްވުމަށް ދެންނެވީމެވެ." އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.