ހަބަރު

ސިިވިލް ކޯޓުގެ ޑިވިޝަންތައް ހެދުމުގެ އިދާރީ މަސައްކަތް ބުރާސްފަތި ދުވަހު ނިންމަނީ

Feb 17, 2015

ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް ސިވިލް ކޯޓުގައި ފަސް ޑިވިޝަން ގާއިމުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމުމަށް ސިވިލް ކޯޓުން މަސައްކަތް ފަށައިފި އެވެ.

އެ ކޯޓުން ބުނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލައި ވާއިރު މި މުއްދަތުގައި ކުރަމުން ދަނީ ޑިވިޝަންތަކާ ބެހޭ މައްސަލަަތައް ދެނެގަތުމާއި ޑިވިޝަންތަކަށް ހަމަޖައްސަން ޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމާއި މައްސަލަ ހުށަހަޅާ ފޯމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އާންމު އުސޫލުތައް ކަނޑައަޅައި، ބަދަލުތަކާ ބެހޭ ގޮތުން މުވައްޒަފުންނަށް މައުލޫމާތު ދިނުން ފަދަ ކަންކަމެވެ.

ސިވިލް ކޯޓުގައި އަލަށް ގާއިމްކުރާ ފަސް ޑިވިޝަނަކީ ހުކުމް ތަންފީޒުކުރާ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނަކާއި މުދަލާއި ފައިސާގެ ކުދި މައްސަލަތައް ބަލާ ޑިވިޝަނެއްގެ އިތުރުން އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަކާއި ޑިސްޕިއުޓް ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނެކެވެ.

ބޮޑެތި ބަދަލުތަކަކާ އެކު ސިވިލް ކޯޓުގެ މަސައްކަތް އަލުން ފަށާއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ ސިވިލް ކޯޓަށް އަލަށް ހަތަރު ފަނޑިޔާރުން ވެސް ހަމަޖައްސައިފަ އެވެ.