ހަބަރު

ދެ ރަށެއްގެ ބައި އިލެކްޝަން އޭޕްރީލް މަހު

Feb 17, 2015

ރ. އަލިފުށި ކައުންސިލާއި ވ. ތިނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ..

އިލެކްޝަންސް ކޮމިޝަނުން  ބުނީ އެ ދެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި ބުނީ ބައި އިލެކްޝަންގައި ވާދަކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އިންތިހާބުގައި ވާދަކުރުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށާއި ކުރިމަތިލުމަށް އެދޭ މީހުންނަށް އެފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ކަމަށެވެ.

ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓް ތެރޭގައި ކަމަށާއި ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އެޕްރީލް ހަތްވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން  ބުންޏެވެ.

އަލިފުށި ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އެރަށު ކައުންސިލްގެ ޕީޕީއެމް މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނު މިމަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަދި ވ. ތިނަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އެމްޑީޕީ ކައުންސިލަރު ސަމްއޫން އަބްދުލްގައްޔޫމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.