ޖިންސީ ގޯނާ

ދެ ކުދިންނާ ބެހުނު ކަމަށް ބުނާ ޓީޗަރުގެ މައްސަލަ ޕީޖީއަށް

ދަރިވަރުންތަކަކާ ބެހުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ހދ. ކުޅުދުއްފުށީ ލާލުއްދީން ސްކޫލްގެ ލީޑިން ޓީޗަރު ހުސެއިން އަލީގެ މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ.

ޕީޖީއިން ބުނީ އެ މައްސަލަ އެ އޮފީހަށް ފުލުހުން ފޮނުވާފައިވާ ކަމަށާއި މައްސަލަ މިހާރު ދިރާސާކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށެވެ. ހުސެއިން އަލީ ހައްޔަރުކުރީ، ޖޫން މަހުގެ ތެރޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބެހުނު ކަމަށް ބުނެ މައްސަލަ ޖައްސާފައިވަނީ ގުރޭޑް ނުވައެއްގައި ތައުލީމް ހާސިލުކުރަމުން ދިޔަ ދެ ކުދިންނެވެ.

ޖަލާލުއްދީން ސްކޫލްގެ ސެޝަން އިންޗާޖްގެ މަގާމުގައި ހުންނެވީ ވެސް އޭނާ އެވެ.

މި މައްސަލަ ކުޅުދުއްފުށީގައި ހިނގާފައިވާއިރު އެ ރަށުގައި ދަރިފުޅު ލައްވައި ހަށިވިއްކަމުން ދިޔަ މަންމައެއްގެ މައްސަލަ ވެސް މި ހަފުތާ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އެ މަންމަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ. އެ މީހާއަކީ 42 އަހަރުގެ މީހެކެވެ.

ދަރިފުޅު ލައްވައި ހަށިވިއްކުވި މައްސަލާގައި 51 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާއަކީ މާލޭގައި ދިރިއުޅެމުންދާ މީހެކެވެ. ބައެއް ޗުއްޓީތަކަށް ކުޅުދުއްފުއްޓަށް ގޮސް އެމީހާ ހުންނަނީ އެކުއްޖާގެ ގޭގައި ކަމަށެވެ. އެފިރިހެން މީހާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އަންހެން ކުއްޖާގެ ނުރުހުމުގައި ކަމަށާއި އެކަން ކޮށްފައިވަނީ އެކުއްޖާގެ މަންމައަށް ފައިސާ އާއި އެހެނިހެން ތަކެއްދީގެން ކަމަށްވެސް ވެ އެވެ.