ހަބަރު

އިބްތިހާލްގެ މަންމަގެ ބަންދު މުއްދަތު އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު ބަންދުގައި ބަހައްޓަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން އިބްތިހާލްގެ މަންމަ އާފިޔާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދެ ފަހަރަކު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. ފުރަތަމަ ފަހަރު އާފިޔާގެ ބަންދު މުއްދަތު އިތުރުކުރީ ވ. ތިނަދޫ ކޯޓުންނެވެ. އެންމެ ފަހުން އޭނާގެ ބަންދު މުއްދަތު އިތުރުކުރީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓުންނެވެ.

އާފިޔާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރެވެ. އެ މައްސަލަ ހައި ކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.

އާފިޔާ ބަންދުގައި ބަހައްޓަން އެންމެ ފަހުން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ބަންދު މުއްދަތު މަޖިލީހަށް އޭނާގެ ވަކީލް ނުވައްދަ އެވެ. އޭނާގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަޖިލީހަށް ނުވެއްދީ ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ދިފާއީ ވަކީލުންގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް އެ ކޯޓުން ހަދާފައިވާ ގަވާއިދެއްގެ ދަށުންނެވެ.