ޕީޕީއެމް

ފާރިސް ވަކި ކުރެވޭކަށް އަދި ނެތް: ޕީޕީއެމް

ޕީޕީއެމް ސުލޫކީ ކޮމެޓީން އެ ޕާޓީން ވަކިކުރަން ނިންމާފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރެވެން ނެތް ކަމަށް އެ ޕާޓީގެ އޮފީހުން ބުނެފި އެވެ. މިގޮތަށް އެ އޮފީހުން ބުނެފައިވަނީ މިއަދު ސުލޫކީ ކޮމެޓީއަށް ފޮނުވި ސިޓީއެއްގަ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް ސޮއިކުރައްވައި، ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ޕީޕީއެމްގެ ސުލޫކީ މައްސަލަތަކާބެހޭ ގަވައިދުގައިވާ ގޮތުން ސުލޫކީ މައްސަލަ ހުށަހަޅަން ޖެހޭނީ ޕާޓީ އޮފީހަށް ފޯމަކުން ކަމަށެވެ. ނަމަވެސް ފާރިސްއާ ގުޅޭ ސުލޫކީ މައްސަލައެއް ފޯމެއްގައި އެ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ފާރިސްގެ ސުލޫކީ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައިވަނީ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. މައްސަލަ ހުށަހަޅާފައިވަނީ ސިޓީއެއްގަ އެވެެ. އަލީމް ވިދާޅުވީ، ޕީޖީ ގުރޫޕުން ނަމަވެސް ސުލޫކީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ފޯމަކުން ކަމަށެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ފާރިސްއާ ގުޅޭ ސުލޫކީ މައްސަލައެއް ސުލޫކީ ކޮމެޓީން ބެލި ކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ރަސްމީ ލިޔުމެއް ޕާޓީގެ އޮފީހަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ނިންމުން ތަންފީޒު ކޮށްދެވެން ނެތް ކަމަށެވެ.

"ތި ކޮމެޓީން މައްސަލަ ބެލި ކަމަށް ވިދާޅުވި ނަމަވެސް ކޮމެޓީގެ މި ބައްދަލުވުމާބެހޭ އެއްވެސް ރަސްމީ ލިޔުމެއް މި އޮފީހަށް ލިބިފައިނުވާ ވާހަކަ ދަންނަވަމެވެ. ވީމާ ތިޔަ ވިދާޅުވާ ކޮމިޓީ ބައްދަލުވުމުގެ ހާޒިރީ އާއި ޔައުމިއްޔާ އާއި ކޮމެޓީން ނިންމެވި ގޮތް ރަސްމީކޮށް ލިޔުމުން ލިބިފައިނުވާތީ މި ނިންމުން އަދި ތަންފީޒު ކޮށްދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި މި ބައްދަލުވުމާ ގުޅޭ ލިޔެކިޔުންތައް ވީއެންމެ އަވަހަކަށް މި އޮފީހަށް ފޮނުއްވައި ދެއްވުން އެދެމެވެ." ސިޓީގައިވެ އެވެ.

ޕީޕީއެމް އޮފީހުން މިއަދު މިހެން ބުނެފައިވާއިރު އިއްޔެ ސުލޫކީ ކޮމެޓީން ވަނީ ފާރިސްއާ ގުޅޭ ގޮތުން އެ ކޮމެޓީން ނިންމި ނިންމުން ތަންފީޒު ކޮށްދިނުމަށް ޕާޓީގެ އޮފީހުގައި އެދިފަ އެވެ.