ޕީޕީއެމް

ގާނޫނީ އިމުން ބޭރުނުވުމަށް ޕީޕީއެމްއިން އީސީއަށް އިލްތިމާސްކޮށްފި

އިލެކްޝަން ކޮމިޝަނުން ގާނޫނީ އިމުން ބޭރުނުވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ޕީޕީއެމްއިން އެ ކޮމިޝަނަށް މިއަދު އިލްތިމާސްކޮށްފި އެވެ. މިގޮތަށް އެ ޕާޓީން އިލްތިމާސްކޮށްފައިވަނީ މިއަދު އީސީއަށް ފޮނުވި ސިޓީއެއްގަ އެވެ.

ޕީޕީއެމްއިން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އިލެކްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ)ގައި ބުނާ ގޮތުގައި އީސީގެ މަސްއޫލިއްޔަތަކީ "ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި ސިޔާސީ ޕާޓީތަކާއި ގުޅޭ ގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ ކަންކަން ކުރުން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އީސީއަށް ލިބިފައިވާ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ބާރާއި އިންތިހާބުތައް އިންތިޒާމްކޮށް ރާވައި ހިންގުމުގެ ބާރު ކަމަށެވެ.

ޕީޕީއެމްއިން ބުނީ، ރާއްޖޭގެ އެއްވެސް ގާނޫނެއްގައި އީސީއަކީ "ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް" ކަމުގައި ކަނޑައަޅާފައިނުވާ ކަމަށެވެ.

"އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ގާނޫނީ އިމުގެ ތެރެއިން ޒިންމާދާރު ގޮތުގައި ގެންގޮސް ދެއްވުމަކީ ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް،" ސިޓީގައި ބުނެފައިވެ އެވެ.

ޕީޕީއެމްއިން މިފަދަ ސިޓީއެއް އީސީއަށް ފޮނުވާފައިމިވަނީ އެ ކޮމިޝަނުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގާފައިވަނިކޮށެވެ. އީސީއިން ރައީސް މައުމޫނަށް އެގޮތަށް އެންގެވީ ކޮމިޝަނަށް ޕީޕީއެމްގެ މެންބަރަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.