މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލެއިން މާލެއަށް ފަތާފައި އަންނަން އަންހެނަކު މަސައްކަތްކޮށްފި

ވިލިމާލެއިން މާލެއަށް ފަތާފައި އަންނަ 26 އަހަރުގެ އަންހެނަކު މިއަދު މަސައްކަތްކޮށްފި އެވެ. ފުލުހުން ވަނީ ކަނޑަށް އެރިއުޅުނު އެ އަންހެން މީހާ ސަލާމަތްކޮށްފައެވެ.

ފުލުހުން ބުނީ، ވިލިމާލެއިން އަންހެނަކު އެކަނި މޫދަށް އެރިގެން މާލެއާ ދިމާލަށް ދާކަމަށް ބުނެ މިއަދު މެންދުރުފަހު 14:22 ހާއިރުވިލިމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު މި އަންހެން މީހާ މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުގައި އޮތް މަންޒަރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

މި މަންޒަރު ފެނުމާއެކު ވިލިމާލޭގައި މަސައްކަތްކުރާ ދެ ފުލުހުންގެ ތެރެއިން އެވަގުތު ޑިއުޓީގައި އުޅުނު ޕޮލިސް ކޯޕްރަލް މުއާވިއަތު ނަޒީރު އާއި އެވަގުތު އޮފް ޑިއުޓީގައި އުޅުނު ޕޮލިސް ލ. ކޯޕްރަލް މުހައްމަދު ނާފިއު ވަނީ ވިލިމާލެ ފެރީ ޓާމިނަލްގެ އެހީތެރިކަމާއެކު ފެރީއެއްގައި އެ އަންހެން މީހާ އޮތް ސަރަހައްދަށް ގޮސް ކަނޑަށް ފުއްމާލުމަށްފަހު އަންހެން މީހާ ސަލާމަތްކޮށްފަ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި އަންހެން މީހާއާ ޖެންޑާ މިނިސްޓްރީން މިހާރު ވަނީ ހަވާލުވެފައެވެ.