ޖިންސީ ގޯނާ

ގެމަނަފުށީ އަންހެން ކުއްޖާއާ ބެހުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

ގއ. ގެމަނަފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅިވީ، ފުލުހުން ބަލަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނަކުރި މައްސަލައެއްގައި މިއަދު ކޯޓު އަމުރެއްގެ ދަށުން ގެމަނަފުށިން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކަރުގައި ހިފައި ޖިސްމާނީ ގޮތުން ވެސް އަނިޔާތަކެއް ކޮށްގެނެވެ. އަދި އެކަމާ ގުޅީގެން އެކުއްޖާއަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ވެސް ދިނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެކުއްޖާއަށް ޖިންސީ ގޯނާ އަދި ޖިސްމާނީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އަށް ފާރަލީ ބައެއް ކަމަށް ވެސް މައުލޫމާތުތައް ލިބިފައިވެ އެވެ. އެ މީހާ އެކުއްޖާ ދިރިއުޅޭ ގެއަށް ވަން ހިސާބުން ފާރަލާން ފަށާފައިވާ ކަމަށާއި އެކަން އެމީހާއަށް އެނގުމުން ކޮޓަރީގެ ކުޑަ ދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސްވެ އެވެ.