ރާއްޖެ ކުޅިވަރު

ދަގަނޑޭ މާޒިޔާއަށް ސޮއިކޮށްފި

Jul 13, 2016

ގައުމީ ކެޕްޓަން، އަދި ރާއްޖޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) މާޒިޔާއަށް ކުޅެން ސޮއިކޮށްފިއެވެ. ދަގަނޑޭ މާޒިޔާއަށް ސޮއިކޮށްފައިވަނީ މިރޭ ހުޅުމާލޭ ފާން ބުޓިކް އިން ހޮޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މީސީޒަންގެ ކުރިއަށް އޮތް ބައިގައި މާޒިޔާއަށް ކުޅެން ދަނގަޑޭ ސޮއި ކުރިއިރު، މިދިޔަ ހަފުތާގައި ދަގަނޑޭ ވަނީ މާޒިޔާގެ ސްކޮޑާއެކު ބައެއް ޕްރެކްޓިސް ސެޝަންތަކުގައި ބައިވެރިވެފައެވެ.

ދަގަނޑޭ އެންމެ ފަހުން ކުޅެފައިވަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށެވެ. ދަގަނޑޭއާ އެކު ހަދައިފައިވާ ކޮންޓްރެކްޓް ޕީޑީއާރްއެމްއިން އުވާލީ ދަގަނޑޭއަށް ކުރިމަތިވި އަނިޔާއާ ގުޅިގެންނެވެ.

ދަގަނޑޭ މާޒިޔާއާ ގުޅުނު އަގު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް އިތުބާރު ހުރި ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އޭނާ މާޒިޔާ ގުޅުނީ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައެވެ.

ދަގަނޑޭ އަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާގެވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަޖީދިއްޔާގެ ޓީމުން ފާހަގަ ކުރެވުނު، ދަގަނޑޭ އުމުރުން 16 އަހަރުގައި ކުލަބު ކެރިއާ ފެށީ ކުލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީ އަށާއި ބުރުނާއިގެ ޑީޕީއެމްއެމް އެފްސީއަށްވެސް ދަގަނޑޭ ވަނީ ކުޅެފައެވެ.