ހަބަރު

ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރެވޭނެ: އެމްޑީޕީ

Feb 17, 2015
2

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ މައްސަލަ ދިރާސާ ކުރަން ބޭނުންވާ ކަމަށް ބުނެ އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އަދުލު އިންސާފުގެ ހަމަތަކުން ބަލާއިރު ނަޝީދުގެ މައްޗަށް އަލުން އެ ދައުވާ ނުކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. އަދި އެ ދައުވާގެ ސަބަބުން އެ ޕާޓީއަށާއި ނަޝީދަށް ވެސް އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިހާރު އެ ދައުވާއަކީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޒިންމާދާރުކަން ކުޑަކޮށް މިފަދަ ގޮތަކަށް ދައުވާ އުފުއްލަވައި މިއަދު ދައުވާ އަނބުރާ ގެންދަވާފައިވާކަމުން ރައީސް ނަޝީދުގެ މައްޗަށް ޖިނާޢީ ދައުވާއެއް ނުވަތަ ހުކުމެއް ކުރެވޭނެ ހެކިތައް ނެތް ކަމުގައި ޤަބޫލު ކުރެވެއެވެ. އަދި މިކަމުން ހާމަވަނީ މިއީ ދައުލަތުން ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ކުރެއްވި ކަމެއް ކަމުގައެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ދައުވާއާ ގުޅިގެން 2013 ގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. އަދި އެ ދައުވާ އުފުލުމުގައި އާންމު މަސްލަހަތު އެއްވެސް ވަރަކަށް ނުހިމެނޭ ކަމަށާއި އެ ދައުވާލިބޭ ބޭފުޅަކު ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވުމުން އެކަމުގައި ސަރުކާރުގެ ވިސްނުން ހާމަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނަޝީދަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ފަރާތަކަށް ވާއިރު އެމަނިކުފާނުގެ މައްޗަށް އަލުން ދައުވާ ކުރުމަކީ އެއީ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައަކަށް ނޫނީ ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ދައުވާކުރަންޖެހޭ އެތައް މައްސަލައެއް މިހާރު ވެސް ހުރިއިރު ނަޝީދުގެ މައްޗަށް އަލުން އެ ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ގާނޫނާ ޚިލާފްވުން ކަމަށް ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިދަޢުވާ އަލުން ކުރައްވާނަމަ އެކަމުގެ ސަބަބުން އުފެދިދާނޭ ހަމަނުޖެހުމާއި، ޢާންމު ނުތަނަވަސްކަމަށް ރިޢާޔަތްކުރައްވައި، މި މައްސަލައިގައިރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާނުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.