ހަބަރު

ކޮމަންވެލްތުގެ ހާއްސަ މަންދޫބު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

Jul 14, 2016

ކޮމަންވެލްތްގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު، ވިލީ މުޓުންގާ އަންނަ އޮގަސްޓްމަހު ރާއްޖެ ވަޑައިގެން އޭނާގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ދިވެހި ހާރިޖިއްޔާ އިން ބުނެފި އެވެ.

ރާއްޖެއަށް ހާއްސަ މަންދޫބެއް ކަނޑައަޅައި ދިނުމަށް ކޮމަންވެލްތުގައި ރާއްޖެއިން މީގެ ކުރިން ވަނީ އެދިފަ އެވެ. އަދި ރާއްޖޭގެ ޖުޑިޝަރީ އާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވުމަށް، ބޭރުގެ އެކްސްޕާޓެއް ހަމަޖައްސާނެ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު ރާއްޖެ ވަޑައިގަންނަވާނީ، އަންނަ އޮގަސްޓް މަހުގެ ކުރީކޮޅުގައި ކަމަށެވެ.

މުތުންގާ ވިދާޅުވެފައި ވަނީ އޭނާ ރާއްޖޭގައި ކުރައްވާނެ މަސައްކަތަކަށް ވާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށް މަސައްކަތް ކުރެއްވުމެވެ. އަދި ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށް މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުމަކީ ވެސް އޭނާގެ އަމާޒެއް ކަމަށް ވެސް މުޓުންގާ ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް މަސައްކަތް ކުރުމަކީ އަހަންނަށް އަލަށް ހަވާލުވެފައި އޮތް ކަމެއް،" މުޓުންގާ ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ކަނޑައަޅާ މަންދޫބާ ގުޅޭ ގޮތުން ކޮމަންވެލްތުން އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.