ހަބަރު

އިސްތިއުނާފުގެ އުސޫލަށް ގެނައި ބަދަލަށް އަމަލުކުރަން ރޫލިން އަކުން އަންގައިފި

ދަށު ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރަން މިހާރު ގާނޫނުގައި އޮންނަ މުއްދަތުތައް އުވާލައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައި ނެރުނު ސާކިއުލާގައިވާ ގޮތަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުގެ ރޫލިއަކުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި މިއަދު ނެރުނު ރޫލިންގައި ބުނެފައި ވަނީ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް މަތީ މަރުހަލާގެ ކޯޓްތަކުގައި އިސްތިއުނާފް ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގަކަށް ވާއިރު އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ލިބިދިނުމަކީ ވެސް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.

"...އިސްތިއުނާފް ކުރުމުގެ ކަންތައް އިންތިޒާމް ކޮށްފައިވާ ގާނޫނު ތަކާއި ގަވާއިދުތަކަށް ބަލާއިރު އެކަމަށްޓަކައި ދެވިފައިވާ މުއްދަތަކީ ތަފާތުކުރުމެއް ނެތި އަވަސްކަމާ އެކު އަދުލު އިންސާފަށް ވާސިލުވުމަށާއި ޝަރީއަތުގެ ފަރާތުން ކުރާ ހުކުމް ތަންފީޒުވެ މުއާމަލާތްތައް އިސްތިގްރާރްވުމަށް ކަނޑައެޅިގެން ހުރަސްއެޅޭ ގޮތަށް ހުރި މާއްދާތަކެއް" ކަމަށް ރޫލިންގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރުނު ސާކިއުލާ އިން ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ ށ. އާއި ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ އިތުރުން އެ ގާނޫނުގެ 42 ވަނަ މާއްދާ ބާތިލްކޮށްފަ އެވެ.

އެ ރޫލިން އިން ބާތިލްކުރި ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާއަކީ ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ބޭނުން ނަމަ އެކަމަށް އޮންނަ މުއްދަތު ބަޔާންކުރާ މާއްދާ އެވެ. ބާތިލްކުރި އެ ގާނޫނުގެ 42 ވަނަ މާއްދާއަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ލިބޭ މުއްދަތުތައް ބަޔާން ކުރާ މާއްދާ އެވެ.

ކުރިން އޮންނަ ގޮތުން ހައި ކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ލިބެނީ ބަންދު ދުވަސްތައް ނުހިމަނައި، 90 ދުވަހެވެ. އަދި ދަށު ކޯޓުތަކުގެ ތެރެއިން މާލޭގައި ހުންނަ ކޯޓުތަކުގެ ނިންމާ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ވެސް 90 ދުވަސް ލިބޭއިރު މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން 180 ދުވަހުގެ މުއްދަތެއް ކޯޓުތަކުގެ ގާނޫނުންކުރިން ލިބެ އެވެ. ނަމަވެސް އެގޮތަށް ބަޔާންކުރާ ދެ މާއްދާ ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ބާތިލްކުރި ވަޒީފާއާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ ށ. އަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތު ލިބިދޭ މާއްދާ އެވެ.

އިސްތިއުނާފް ކުރަން ލިބޭ މުއްދަތުތައް ބަޔާންކުރާ މާއްދާތައް ބާތިލްކޮށް އިސްތިއުނާފް ކުރަން ބޭނުން ނަމަ އެކަމަށް އާ އުސޫލަކުން އަމަލުކުރަން ޖެހޭ ގޮތަށް ސާކިއުލާއެއް ނެރެފައިވެ އެވެ. ދަށު މަރުހަލާގެ ހުރިހާ ކޯޓަކާއި ޓްރައިބިއުނަލްތަކުގެ ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން ބޭނުންވާ ނަމަ ވަކި ޚާއްސަ ފޯމެއް ފުރުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް މިހާރު ހުށަހަޅަންޖެހޭނެ އެވެ. އެކަމަށް ތައްޔާރުކޮށްފައިވާ ފޯމް ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ނެރެފަ އެވެ.