ހަބަރު

ނާޒިމްގެ ޝަރީއަތް މާދަމާ އާއި ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް މާދަމާ އާއި ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލި އެވެ. ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެ ހަތަރު މައްސަލައިގައި ވެސް ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން ދެ މައްސަލައެއްގެ މާދަމާއަށް ތާވަލްކޮށްފައިވާއިރު އަނެއް ދެ މައްސަލަ ތާވަލްކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ހުރިހާ މައްސަލައެއް ވެސް ބަލަން ހަމަޖައްސާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ އަދި ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ އަރިސް ބޭފުޅެއް ކަމަށް ވާ ނާޒިމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ހަތަރު މައްސަލައެއްގެ ޝަރީއަތް ފަށަން ތާވަލްކޮށްފައިވާއިރު ބްލެކް މެއިލް ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ނާޒިމްގެ ޕާސްޕޯޓް ވެސް ފުލުހުން ހިފެހެއްޓި އެވެ.