ފާރިސް މައުމޫން

ފިޔަވަޅާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ދެވޭނެ: ސުލޫކީ ކޮމެޓީ

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫނާ މެދު އަޅަން ނިންމި ފިޔަވަޅާމެދު ހިތްހަމަ ނުޖެހޭނަމަ ސުލޫކީ ކޮމެޓީގެ ނިންމުން އިސްތިއުނާފު ކުރުމުގެ އިހުތިޔާރު ފާރިސްއަށް ލިބިވަޑައިގަންނަވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ސުލޫކީ ކޮމެޓީން ފާރިސްގެ މައްސަލައެއް ބެލިކަން އެނގިފައިނުވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ވެސް އެނގެން ނެތުމުން ފާރިސްއާ މެދު ފިޔަވަޅު އެޅެން ނެތް ކަމަށް ބުނެ ޕީޕީއެމް އޮފީހުން ސުލޫކީ ކޮމެޓީއަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.

އަލީ ވަހީދު ސޮއިކުރައްވައި ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބުދުލް އަލީމަށް ފޮނުއްވި ސިޓީއެއްގައި ބުނަނީ ޕީޕީއެމްގެ މެންބަރެއްގެ ސުލޫކީ މައްސަލެއެއް ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި އެ މައްސަލައަކަށް އަޅަންޖެހޭ ފިޔަވަޅު ސުލޫކީ ކޮމެޓީން ނިންމާ ތަންފީޒު ކުރުމަށް ޕާޓީގެ ސެކްރެޓޭރިއަޓާ ހަވާލު ކުރުމަށް ޕާޓީގެ ސުލޫކީ މައްސަލަތަކާބެހޭ ގަވައިދުގެ ޗެޕްޓާ އެކެއްގެ ހަތްވަނަ މާއްދާގެ (ހ)ގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ސުލޫކީ ކޮމެޓީން ނިންމާ ނިންމުމަކީ ޕީޕީއެމްއިން އެ މައްސަލަތަކާދޭ ތެރޭގައި ނިންމާ އެންމެ ފުރަތަމަ ނިންމުން ކަމަށާއި އެ ނިންމުމާ ދޭތެރޭ ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ޕާޓީގެ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމުގެ ހައްގު ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ކަމަށެވެ.

ސުލޫކީ ކޮމެޓީން ފިޔަވަޅު އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތަކުގެ ރެކޯޑް ލިޔުމުން ބަލަހައްޓަންވާނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވާއިރު ސުލޫކީ ކޮމެޓީގެ ނިންމުމެއް ނިންމާ އެ ނިންމުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ޕާޓީގެ ސެކްރެޓަރީ ޖެނަރަލަށް ފޮނުވުމަށް ޕާޓީގެ ސުލޫކީ ކޮމެޓީގެ ހިންގާ ގަވައިދުގައި ބަޔާންކޮށްފައިނުވާ ކަމަށް ވެސް ސިޓީގައި އަލީ ވަހީދު ވިދާޅުވެފައި ވެއެވެ. އަދި ސުލޫކީ ކޮމެޓީގެ ނިންމުން ތަންފީޒު ކުރުމަށް ޕީޕީއެމް އޮފީހުގައި ދެންނެވެމުން އެ ނިންމުން ތަންފީޒު ކުރެވެން ނެތް ކަމަށް ބުނެ އިތުރު ލިޔުމެއް ހޯދުމަށް އެދުމަކީ ޕާޓީގެ ގަވައިދާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމް އޮފީހުން ވަނީ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ އެ އޮފީހަށް ފޮނުވައިދިނުމަށް އެދިފަ އެވެ.

"ސުލޫކީ ކޮމެޓީގެ ނިންމުން ތަންފީޒުކުރުމަކީ ޕާޓީގެ ސެކްރެޓްރީ ޖެނަރަލްގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ޒިންމާއެއްއް ކަމަށްވާތީ އެކަން ތަންފީޒުކުރެއްވުމަށް އަދިވެސް އެއް ފަހަރު ދެންނެވީމެވެ. އަދި ސުލޫކީ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ޕާޓީގެ ގަވައިދުތަކުގައިވާ ގޮތުގެ މަތިން އިސްތިއުނާފުކުރެއްވުމުގެ ހައްގުގެ ބޭނުން ހިތްޕެއްވުމަށް ވެސް ދަންނަވަމެވެ." އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.