ޕީޕީއެމް

މައުމޫންއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމްގެ މަޖިލީހުގެ ތިން މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ މެންބަރުން އަނބުރާ ގެންދަވައިފި އެވެ.

މި މައްސަލަގެންދިޔަ އިރު ޕާޓީގެ ގުނަވަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ޕާޓީގެ ރައީސް މައުމޫން ވަނީ ދެއްވާފަ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާން ވެސް ރައީސް މައުމޫން ވަނީ ނިންމަވާފަ އެވެ.

މި މައްސަލަ ކޯޓަށް ވެއްދި އެއް މެންބަރު ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު އަވަސްއަށް ވިދާޅުވީ، ޕާޓީގެ ކޮމެޓީތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ރައީސް މައުމޫން ދެއްވާފައިވާތީ، މައްސަލަ ކުރިއަށް ގެންދިޔުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

މި މައްސަލަ އަނބުރާ ގެންގޮސްފައިމިވަނީ ސިވިލް ކޯޓުން މައްސަލަ ބަަލައިގަނެ، އާދިއްތަ ދުވަހަށް މައްސަލައިގެ އަޑުއެހުމެއް ވެސް ތާވަލު ކޮށްފައިވަނިކޮށެވެ.

މި މައްސަލަތައް މިހެން ހިނގާފައިވާއިރު ރައީސް އަބްދުﷲ ޔާމީން އަދި ޕާޓީގެ މުސްތަޝާރު ވަނީ ޕާޓީގައި ހުރި މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ކުރުމަށް ޕާޓީގެ ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދި ވަޑައިގެންފަ އެވެ.