އަބްދުﷲ ޖިހާދު

ޗައިނާއާ ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އިތުރު ކުރާނަން: ނައިބު

Jul 14, 2016
1

ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު ގިނަ ކުރެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާގެ ސޫޖޯ ސިޓީގެ މޭޔަރު ހިޒް އެކްސެލަންސީ މރ. ކޫ ފޫޝިއަން، އެމަނިކުފާނުގެ އަރިހަށް މިއަދު ހެނދުނު އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމުން ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ފަތުރުވެރިކަމާއި ވިޔަފާރި އާއި ތަޢުލީމު އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދެ ގައުމުން ވެސް ގުޅިގެން މަސައްކަތް ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެވި އެވެ. އަދި ނައިބު ރައީސް ޖިހާދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިން ކަމަށާއި ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރެވޭ ފްލައިޓްތަކުގެ އަދަދު ގިނަ ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު ގިނަވުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަވެގެން ދާނެކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ސޫޖޯ ސިޓީގެ މޭޔަރު ވިދާޅުވީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެ ގުނައަށް އިތުރުވި ކަމަށާއި މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.

މިހާރު ވެސް ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޗައިނާގެ ގިނަ މަންޒިލްތަކަކަށް އުދުހެ އެވެ.