- އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީއާ މެދު ބޮޑެތި ސުވާލުތަކެއް
- މުޅި ޕާޓީގެ ހުރިހާ ރިސޯސްއެއް ނަޝީދުގެ ކަންކަމަށް
- ސިޔާސީ ގޮތުން ޕާޓީ ވަރުގަދައެއް ނޫން
މިހާރު އެންމެ ފޯރިގަދަ ވާހަކައަކީ ޕީޕީއެމް ތެރޭ ދެ ފަޅިވެ، ޕާޓީ އިސްލާހު ކުރަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިކުންނެވުމެވެ. ސޯޝަލް މީޑިއާގައި ވެސް އެ ކޯޅުންގަނޑު އޮތް އިރު، އެމްޑީޕީ ތިބެނީ މަންޒަރު ބަލާށެވެ. ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް މައުމޫން މީޑިއާތަކަށް ބަންޑުން ކޮށްލި އިރު، އެމްޑީޕީއަށް މިކަން ވީ ބޮޑު އުފަލަކަށެވެ. އެކަމަކު ސިޔާސީ ގޮތުން އެމްޑީޕީގެ އަމިއްލަ ހާލަށް ވިސްނާ އިރު، އެ ޕާޓީގެ ތެރޭގައި ޑިމޮކްރަސީގެ އޮތް މިންވަރާ މެދު މި އޮތީ ބޮޑެތި ސުވާލުތަކެއްގެ ތެރޭގަ އެވެ. ޕީޕީއެމް އެކޭ އެއްގޮތަށް އެމްޑީޕީ އަށް ވެސް، އިސްލާހީ އެޖެންޑާއެއް ބޭނުމެއް ނުވޭ ހެއްޔެވެ؟
އެމްޑީޕީއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރަސީގެ އުސޫލުތައް ތައާރަފްކޮށް "މަލްޓި ޕާޓީ ސިސްޓަމް" އުފެއްދުމަށް ނުގުޑާ ފަދަ އަޒުމެއްގައި ހިފައިގެން ނިކުތް ޕާޓީއެވެ. އޭގެ ދުވަސްގަނޑެއް ފަހުން ޑީއާރުޕީ ވުޖޫދަށް އައިސް މަލްޓި ޕާޓީތައް އަންނަން ފެށިއެވެ. ދެން އެމްޑީޕީއިން މަސައްކަތް ފެށި ގާނޫނަށް ބަދަލު ގެނެސްގެން ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. ވަރަށް ފުރިހަމަ ޕާޓީއެއްގެ ގޮތަށް ގިނަ ބަޔަކަށް އެމްޑީޕީ ސިފަވި އެވެ. ނަމަވެސް އެމްޑީޕީއަށް 11 އަހަރު ފުރުން ފާހަގަކުރާ އިރު އެޕާޓީއިން މިހާތަނަށް އެޅި ފިޔަވަޅުތަކުން ޑިމޮކްރަސީގެ ސިފަތައް ދެމަހެއްޓުނީ ކިހާވަރަކަށް ހެއްޔެވެ؟
މަޖިލީހުގެ ނައިބު ރައީސް އަދި ކުރިން އެމްޑީޕީ އުފެއްދުމުގައި އުޅުނު މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ އުފެއްދި މަގުސަދު ހާސިލްވެފައި އޮތް ތަނެއް ނުފެންނަ ކަމަށާއި ޕާޓީ ވަނީ ވަކި ފަރާތެއްގެ ބާރުގެ ދަށުގައި ހިސޯރުކޮށްފައި ކަމަށެވެ. އަދި އެމްޑީޕީއިން ގަބޫލު ނުކުރާ ހަމަތަކާއި އުސޫލުތައް ޕާޓީގެ ތެރޭގައި އިންތިހާއަށް އަށަގެންފައިވާ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ޕާޓީއަށް ނަފްރަތުކޮށް އެތައް އުނދަގޫތަކެއް ކުރި ބަޔަކަށް ޕާޓީގެ ލީޑާޝިޕްއަށް ދޫކޮށްލާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތައް ހިންގަން އުޅޭ އަހަރުތަކުގައި މިހާތަނަށް ގެންގުޅެފައި ހުރީ ފުޓުބޯޅަ ކްލަބެއް ގެންގުޅޭ އުސޫލަށް. ކުރީގައި އަބަދުވެސް ވަރުގަދަ އެކަކު މުޅި ޕާޓީ ހިސޯރުކޮށްގެން މި އުޅެނީ. އެހެން ފަރާތްތަކަށް ހުރި ފުރުސަތުތައް ވަނީ ފިތިފައި. އެއީ މަލްޓި ޕާޓީ ސިސްޓަމްއާ ޑިމޮކްރަސީގެ އުސޫލެއް ނޫން،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީއިން އެންމެ ފުރަތަމަ ރަނގަޅު މިސްރާބަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް ފަހުން ފެނުނީ، ސިޔާސީ މަންފާ ހޯދުމަށް ގާނޫން އަސާސީއަށް ބަދަލުގެންނަން މަސައްކަތް ކުރި މަންޒަރެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކައި އެހެން ގޮތްގޮތުން ރާއްޖޭގެ ނަން ދިރުވުމުގެ ބަދަލުގައި އެމްޑީޕީގެ ފަރާތުން މިއަދު މި ފެންނަނީ ދުނިޔެމަތީގައި ރާއްޖެ ބަދުނާމުކޮށް އަގުވައްޓާލައި ތަނެވެ.
މީގެ އިތުރުން ޕާޓީތެރޭގައި މިފަދަ ކަންކަމަށް ހިޔާލުތަފާތުވުންތައް އުފެދި ބައެއް މެންބަރުން އެމްޑީޕީގެ އިސްސަފުން ދުރުވި އެވެ. އަދި އަނެއްބައި މެންބަރުން ވަނީ ޕާޓީއިން ވަކިވެސް ކޮށްފަ އެވެ.
އެމްޑީޕީގެ އިސްލާހީ އެޖެންޑާއެއްގައި ކޮން ކަމެއް؟
އެންމެ ފަހުން އެމްޑީޕީއިން ބޭއްވި އަހަރީ ޖައްލާގައިވެސް ގޮވައިލަމުން ދިޔައީ 2018 ވަނައަހަރުގެ އިންތިހަބުގައި ރައީސް ނަޝީދު ކުރިމަތި ލާނެ ކަމަށެވެ. ގިނަ މެންބަރުންވެސް އެދެނީ އެގޮތަށް ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެމަނިކުފާނަށް ފަހިވުން ވަރަށް ދުރެވެ. ޕާޓީގެ ތެރޭގައި ވެސް އެކަމުގައި ހިޔާލު ތަފާތުވުން އުފެދުނީ އެމްޑީޕީ އަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިމާޔަތް ކުރާ ކަލްޓަކަށް ބަދަލުވެފައިވާ ކަމަށް ބުނެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީއަށް ލިބޭހާ ފައިސާއެއް ވެސް ހަރަދުވެ ދަނީ ނަޝީދުގެ ހިމާޔަތުގައި ކުރެވޭ މަސައްކަތަށެވެ.
އެމްޑީޕީގެ އިސްސަފުގައި މީގެ ކުރިން ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ އެކަމުގެ ސަބަބުން، ޕާޓީގެ މެންބަރުން އިހުސާސްތަކާ ދެކޮޅަށް ވެސް އެތައް ކަމެއް ޕާޓީ އިން ކުރަން ޖެހި އަގު ވެއްޓޭ ހިސާބަށް ކަންކަން ބަދަލުވެ އެވެ. ނަޝީދު ޖަލުން ނެރުމަށް ސަރުކާރާ އެކު ޑީލް ހަދަން ޖެހުމުން ޕާޓީ އިން ވާން ޖެހުނު ގުރުބާނީގެ ސަބަބުން ހިތްހަމަ ނުޖެހިފައި ތިބި ޕާޓީގެ އެތައް އާންމު މެންބަރުންނެއް އެބަ ތިއްބެވެ.
އެމްޑީޕީގެ ތެރޭގައި ޕާޓީގެ މަގާމުތަކަށް ވަކި ބަޔަކު އަބަދުމެ އިންތިހާބު ވުމާއިވާދަވެރި އިންތިހާބުތަކެއް ޕާޓީގެ ތެރެއިން ފެނިގެން ނުދިޔުމަކީ ވެސް އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ވެސް އެޅިފައި އޮތް ހުރަހެކެވެ. ރިޔާސީ ޓިކެޓް ވެސް ދެނީ ތަބަކަކަށް ލާފަ އެވެ. އިންތިހާބީ މަގާމުތަކެކޭ ވަކި ބަޔަކަށް ހިބަކޮށް ދީފައި އޮންނަ އަމިއްލަ ތަރިކަ މުދަލެކޭ އެއްގޮތެވެ. މި ހުރިހާ ކަމަކާ ހުރެ، އެތެރޭގެ ޑިމޮކްރަސީއަށް އޮންނަނީ ހިޔަނި އެޅިފަ އެވެ.
ޕާޓީ އިސްލާހު ކުރަން ޖެހޭކަމަށް ޕާޓީގެ މެންބަރުން ދެކެނީ ވެސް މިކަހަލަ އެތައް ސަތޭކަ ސަބަބަކާ ހުރެ އެވެ. އަދި ކުރިން އޮތް ވަރުގަދަ އެމްޑީޕީއެއް މިހާރު ނުފެންނަނީ އެ ސަބަބުތައް ހުރީމާ ކަމަށް ވެސް ވެދާނެ އެވެ. އެމްޑީޕީ ވެސް ޑިމޮކްރަޓިކް އުސޫލުތަކުން ހިންގުމަށް ޕީޕީއެމް އެކޭ އެއްފަދައިން އިސްލާހީ އެޖެންޑާއެއް އެބަ ބޭނުންވެ އެވެ.