ޓެކްނޯލޮޖީ

ވިންޑޯސް 10 ގައި ޕާސްވޯޑް ބޭނުންކުރާކަށް ނުޖެހޭނެ!

Feb 18, 2015

އަންނަ އޭޕްރީލް މަހުގެ ތެރޭގައި ނެރެން ހަމަޖެހިފައިވާ ވިންޑޯސް 10 އޮޕަރޭޓިން ސިސްޓަމްގައި ޕާސްވޯޑްގެ ބަދަލުގައި ފިންގަރޕްރިންޓް ފަދަ ބަޔޯމެޓްރިކް އޮތެންޓިކޭޝަން ބޭނުންކުރެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީހާގެ މާއްދީ ސިފަތަކާއި މީހާގެ އަޑުފަދަ ސިފަތައް ބޭނުންކޮށްގެން ކޮމްޕިއުޓަ ތަކަށް ވަނުމަށް ބޭނުންކުރާ "ފާސްޓް އައިޑެންޓިފިކޭޝަން އޮންލައިން" (ފީޑޯ) ސިސްޓަމް، މައިކްރޯސޮފްޓްގެ އާ އޮޕަރޭޓިން ސިސްޓަމް، ވިންޑޯސް 10 އަށް ވަނީ ފައްކާ ކޮށްފައެވެ.

ޕާސްވޯޑް ހަނދާނުގައި ބަހައްޓަން ޖެހުމާއި، އެހެން މީހަކަށް އެ ޕާސްވޯޑް އެނގިއްޖެނަމަ އެ ޕާސްވޯޑް ބޭނުންކޮށްގެން ކޮމްޕިއުޓަ ތަކަށް ވަނުމުގެ ފުރުޞަތު އޮންނާތީ، ޕާސްވޯޑެއް ޖަހައިގެން ކޮމްޕިއުޓާއަށް ވަނުމަކީ ކޮމްޕިޓަ ބޭނުންކުރާ ފަރާތަށް އެންމެ އުފެއްދުންތެރި އަދި ރައްކާތެރި ގޮތެއް ކަމަށް ނުފެންނާތީ، ފަހަކަށް އައިސް ކޮމްޕިއުޓަ ފަދަ ނާޒުކު މަޢުލޫމާތު ހިމެނޭ ތަކެއްޗަށް ވަނުމަށް ޕާސްވޯޑް ނޫން އެހެން ގޮތްތައް ހޯދައި ފައްކާކުރުމަށް ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފަހަކަށް އައިސް ހިނގާފައިވާ، ސޮނީ ސައިބަ އެޓޭކް ފަދަ ފާހަގަކޮށްލެވޭ ސައިބަ ސެކިއުރިޓީއާ ގުޅުންހުރި ހާދިސާތަކާ ގުޅިގެން، މަޢުލޫމާތުގެ ރައްކާތެރިކަމާއި ކޮމްޕިއުޓަ ސިސްޓަމްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ފައްކާކުރެވޭ އާލާތްތަކަށާއި ސޮފްޓްވެއާ ތަކަށް ކުރިއާ އަޅާ ބަލައިއިރު މިހާރު ވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ.

"ފީޑޯ ސިސްޓަމް ވިންޑޯސް 10 ގައި ހިމެނުމާއެކު، ކޮމްޕިއުޓަރަށް ވަނުމަށް ބޭނުންކުރާ ޕާސްވޯޑްގެ ބަދަލުގައި ބޭނުކުރެވިދާނެ، އެހެން ގޮތްތައް ފައްކާކުރުމަށް މި ދާއިރާގެ އެހެން ކުންފުނިތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު މައިކްރޯސޮފްޓަށް ލިބިގެން ދާނެ"، ވިންޑޯސް ޓީމްގެ ސެކިއުރިޓީއާއި އައިޑެންޓިޓީގެ މެނޭޖަ ޑަސްޓިން އިންގޯލްސް، އައު ފީޗަ އިޢުލާނުކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާގޮތުގައި އޮންލައި ކޮމްޕިއުޓިންގައި އެންމެ ގޮންޖެހުން ބޮޑު އެއް ކަމަކީ، ރައްކާތެރިކަމުގެ ގޮތުން ޕާސްވޯޑަށްވުރެ މާ ފުރިހަމަ މީހާގެ އައިޑެންޓިޓީ ދެނެގަނެވޭނެ ގޮތަކާ ދިމާއަށް، ޕާސްވޯޑް ދުކޮށް ދިއުންކަމަށެވެ.

ފީޑޯ ސިސްޓަމަކީ ޕާސްވޯޑް ބޭނުން ނުކޮށް، ރައްކާތެރިކަމާއެކު މީހާ އެއީ ކާކުކަން ދެނެގަނެވޭނެ ސިސްޓަމެކެވެ. މޫނާއި އަޑާއި ލޮލުގެ ކަޅިއާއި އިނގިލީގެ ނިޝާން ނުވަތަ ޑޮންގްލް އެއްފަދަ ފަދަ، މީހަކީ ކާކުކަން ދެނެގަތުމަށް ބޭނުންކުރެވިދާނެ ސިފަތައް ފީޑޯ ބެނުންކުރެއެވެ. ފީޑޯ ސިސްޓަމް ފައްކާކުރުމުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސެމްސަންގ އާއި ވިސާ އާއި ޕޭޕަލް އާއި އާރްއެސްއޭ އާއި މާސްޓަރކާޑް އާއި ގޫގުލް އާއި ލިނޯވޯއާއި އާރމްގެ އިތުރުން ބޭންކް އޮފް އެމެރިކާއާއި މައިކްރޯސޮފްޓް ހިމެނެއެވެ.

ވިންޑޯސްއަށް ލޮގްއިން ވުމުގެ އިތުރުން އަޒުރޭ އެކްޓިވް ޑައިރެކްޓަރީ، އަދި ސަރވިސް ޕެކޭޖެއްގެ ގޮތުގައި ބޭނުންކުރެވޭ އޮފީސް 365 އެކްސްޗޭންޖް އޮންލައިން، ސޭލްސްފޯސް، ސިޓްރިކްސް، ބޮކްސް އަދި ކޮންކަރ ފަދަ ސޮފްޓްވެއަރ ތަކަށް ވަނުމުގައިވެސް ފީޑޯ އޮތެންޓިކޭޝަން ސިސްޓަމް ބޭނުންކުރެވޭނެކަމަށް ބްލޮގް ޕޯސްޓްގައި އިންގޯލްސް ބުނެފައިވެއެވެ.

އޮޕަރޭޓިން ސިސްޓަމް ޢާންމުންނަށް ހުޅުވާލުމުގެ ކުރިން ވިންޑޯސް 10 ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބޭ ޕްރޮގްރާމެއް ކަމަށްވާ "ވިންޑޯސް އިންސައިޑަރ ޕްރޮގްރާމް" ގައި ބައިވެރިވެފައިވާ ފަރާތްތަކަށް މިހާރުވެސް މި އައު ފީޗާ ތަޖުރިބާކޮށްލުމުގެ ފުރުޞަތު އެބައޮތެވެ.

މައިކްރޯސޮފްޓުން ވިންޑޯސް 10 މި އަހަރުގެ ޖެނުއަރީ މަހުތެރޭގައި އިޢުލާނުކޮށްފައިވާއިރު، އޮޕަރޭޓިން ސިސްޓަމް ޢާންމުންނަށް ހުޅުވާލާނެކަމަށް ރިޕޯޓްތައް ބުނަނީ އޭޕްރީލް މަސް ތެރޭގައެވެ.