ހަބަރު

ހުއްދަ ނުދިނަސް އިއްތިހާދުގެ ޖަލްސާ ބާއްވަނީ

Jul 16, 2016
5

ހައުސިން މިނިސްޓްރީ އިން، ހުއްދަ ނުދިން ނަމަވެސް، އިއްތިހާދުގެ ޖަލްސާއެއް އަންނަ ހުކުރު ވިލޭރެ ބޭއްވުމަށް ނިންމައި އެކަން މިއަދު އިއުލާން ކޮށްފި އެވެ.

އެމްޑީޕީ އޮފީހުގައި އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްޕޯކްސްޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލް ކުރަން ޖެހުނު ޖަލްސާ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވަން ހުއްދަ ހޯދުމަށް އެދޭނެ ކަމަށާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާ އިރު އެ ހުއްދަ ދޭން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހުއްދަ ނުދިން ނަމަވެސް ޖަލްސާ ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"ފުރަތަމަ ބަލާނީ ހުއްދަ ނަގައިގެން ޖަލްސާ ބޭއްވޭތޯ. ނުބޭއްވިއްޖެ ނަމަ އަޅުގަނޑުމެން ޖަލްސާ ހަމަ ބާއްވާނަން 21 ވަނަ ދުވަހުގެ ރޭ. ހުއްދަ އޮތަސް ނެތަސް އަޅުގަނޑުމެން އެކަން ކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.

އެ ޖަލްސާ ބޭއްވުމަށް އެމްޑީޕީ އިން މީގެ ކުރިން ހުއްދަ ނެގި ނަމަވެސް ހައުސިން މިނިސްޓްރީ އިން ވަނީ އިއްތިހާދުގެ ޖަލްސާއެއް ބޭއްވުމަށް ހުއްދަ ދެވެން ނެތް ކަމަށް ބުނެ ހުއްދަ ބާތިލްކޮށްފި އެވެ. ހައުސިން މިނިސްޓްރީ އިން ބުނީ ހުއްދަ ބާތިލް ކުރީ އިދިކޮޅު އިއްތުހާދަކީ ސަރުކާރުން ބަލައިގަންނަ ބަޔަކަށް ނުވުމާއި ރާއްޖޭގައި އެ ޖަމާއަތް ރަޖިސްޓްރީ ކޮށްފައި ނެތުމުން ހަރަކާތްތައް ހިންގުމަށް އެ ފަރާތަށް ހުއްދަ ދެވެން ނެތުމުން ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.