ބޭރު ކުޅިވަރު

ލެސްޓާގެ ކަންޓޭ ޗެލްސީ އަށް

އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ ވަރުގަދަ މިޑްފީލްޑަރު އެންގޮލޯ ކަންޓޭ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގައި ޗެލްސީން އޭނާ ލައްވައި ސޮއިކުރުވީ ލެސްޓާ އަށް 30 މިލިއަން ޕައުންޑްދީފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފްރާންސް ޓީމުގައި ވެސް ހިމެނުނު ކަންޓޭ ލެސްޓާއާ ގުޅުނީ މިދިޔަ ސީޒަނުގައި އެންމެ ހަ މިލިއަން ޕައުންޑަށެވެ.

އަދި އެ ޓީމަށް 40 މެޗު ކުޅެދިން ކުޅުންތެރިޔާ ބުނީ ޗެލްސީ އަށް ދެވުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ.

"މިއީ ހުވަފެން ހަގީގަތަކަށްވުން. އަހަރެން މިހުރީ ވަރަށް އުފަލުން ދުނިޔޭގެ އެންމެ ބޮޑު އެއްކުލަބަކަށް އާދެވުމުން،" 25 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"އެންޓޯނިއޯ ކޮންޓޭ (ޗެލްސީގެ މިހާރުގެ ކޯޗު)އަކީ މޮޅު ކޯޗެއް. އޭނާއާއެކު މަސައްކަތް ކުރަން ލިބުމަކީ ވެސް އުފަލެއް. އަދި ދުނިޔޭގެ މޮޅު އެތައް ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމަކީ ވެސް އެހާމެބޮޑަށް އުފާވާ ކަމެއް،" ކަންޓޭ ބުންޏެވެ.

ކަންޓޭ އަކީ އަންނަ ސީޒަނަށް ޗެލްސީ އަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގެނެސްފައިވަނީ ބެލްޖިއަމްގެ ޒުވާން ފޯވަޑް މިޝީ ބަޓްޝުއާއީ އެވެ.

ޗެލްސީން ބުނީ ކަންޓޭ އަކީ ކޯޗު ކޮންޓޭގެ ސްޓައިލަށް ވަރަށް ފައްކާ ކުޅުންތެރިއެއް ކަމަށެވެ. މިހެންވެ ޗެލްސީން މިދިޔަ ދުވަސްކޮޅު ކަންޓޭ ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

ލެސްޓާ ސިޓީން ބުނީ އެ ޓީމުން ކުޅުންތެރިއަކު ދޫކޮށްލި އެންމެ ބޮޑު އަގުގައި ކަންޓޭ ދޫކޮށްލީ ކުޅުންތެރިޔާ ވެސް އެގޮތަށް ބޭނުންވުމުން ކަމަށާއި މާލީ ގޮތުން ކުލަބަށް ވެސް މިއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ކަންޓޭގެ ވަރުގަދަ އަދި މޮޅު ކުޅުން ފެނިފައި ފްރާންސްގެ ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބޮޑު ކުލަބަކަށް ދިއުމަށް ކަންޓޭ އަށް ނަސޭހަތްތެރިވެފަ އެވެ. އޭގެ ތެރޭގައި ކުރިން ރެއާލް މެޑްރިޑާއި ޗެލްސީ އަށް ކުޅުނު ފްރާންސްގެ ކްލައުޑުއޯ މަކަލޭލޭ ހިމެނެ އެވެ.