ހަބަރު

ބްރިޖް މަސައްކަތް ބާރަށް ކުރިއަށް، ފައުންޑޭޝަން އަންނަ މަހު ފަށަނީ

Jul 17, 2016
1
  • މިހާރު ކުރަނީ ބުތަކަށް ބޭނުންވާ ހޮޅިތައް ފެއްތުމުގެ މަސައްކަތް
  • ބްރިޖް މަސައްކަތުގެ ފެންވަރު ބެލުމަށް ޓެސްޓްތައް ކުރޭ
  • ސެޕްޓެމްބަރު މަހު ބްރިޖްގެ މަލަމަތި ފެންނާނެ

ހުޅުލެ-މާލެ ދެމެދު އަޅާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ރޭވިފައިވާ ގޮތަށް ބާރު ސްޕީޑްގައި ކުރިއަށް ގޮސް، ބްރިޖްގެ މައި ފައުންޑޭޝަންގެ މަސައްކަތް އަންނަ މަހު ފަށައިގަނެވޭނެ ކަމަށް، އެ މަސައްކަތް ކުރާ ޗައިނާ ސީސީސީސީ ކުންފުނިން ބުނެފި އެވެ.

ބްރިޖްގެ މަސައްކަތް ދާ ގޮތް މީޑިއާއަށް ދައްކާލުމަށް މިއަދު ބޭއްވި ހަރަކާތުގައި، އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު، ލީން ސްކްއީ ވިދާޅުވީ، މިހާރު ކުރިއަށް ދާ މައިގަނޑު މަސައްކަތަކީ ބްރިޖްގެ އެކި ފައުންޑޭޝަންތަކަށް ބޭނުންވާ، ވަރުގަދަ ޕައިލްތައް ތައްޔާރު ކުރުމެވެ. އެ ޕައިލްތައް ތައްޔާރު ކުރަން ބޭނުން ކުރާ ކޮންކްރީޓްތައް ތައްޔާރު ކުރަނީ އެ ކުންފުނިން ބްރިޖް ސައިޓްގައި ގާއިމް ކޮށްފައިވާ ހާއްސަ ޕްލާންޓްތަކެއްގަ އެވެ. މިއީ ކޮންމެ ދުވަހަކު އެތައް ޓަނެއްގެ ކޮންގްރީޓް ތައްޔާރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޕްލާންޓްތަކެކެވެ.

އެ ތައްޔާރީތައް ނިމި އަންނަ މަހު މައިގަނޑު ފައުންޑޭޝަންގެ މަސައްކަތްތައް ފަށައި ގަންނާނެ ކަމަށް ސްކްއީ ވިދާޅުވި އެވެ. އަދި ހަތް މަސްދުވަހުގެ ތެރޭގައި ބްރިޖްގެ ފައުންޑޭޝަންތައް ފެންމަތިން ފެންނާނެ ކަމުގެ އުފާވެރި ހަބަރު ވެސް އޭނާދިނެވެ.

ބްރިޖް މަސައްކަތްތައް ކުރިއަށް ދާ އިރު، އޭގެ ފެންވަރު ކަށަވަރު ކުރުމަށް، ސީސީސީސީ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ، ސީސީސީ ހައިވޭ ކޮންސަލްޓެންޓްސް ކުންފުނީގެ އިންޖިއަރުން ކޮންމެ ދުވަހަކު ވެސް މަސައްކަތްތައް އޮބްޒާވް ކުރެ އެވެ.

ބްރިޖްގެ ނަމްބަރުތައް

  • ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
  • ފުޅާމިނުގައި: 20.3 މީޓަރު
  • ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ: ދެ ލޭން
  • ސައިކަލް، ހިނގާ މީހުން، ބައިސްކަލް ދުއްވަން ލޭންއެއް
  • ބްރިޖްގެ ޖުމްލަ އަގު: 200 މިލިއަން ޑޮލަރު
  • މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން

ހައުސިން މިނިސްޓްރީގެ ފަރާތުން މަސައްކަތްތައް ވިލަރެސް ކުރައްވާ، އަބްދުﷲ މުއްތޮލިބު ވިދާޅުވީ ބްރިޖްގެ ކޮންކްރީޓް މަސައްކަތް ކުރުމުގެ ކުރިން، އެއްގަމުގައި 1.6 މީޓަރުގެ ޓެސްޓް ޕައިލެއް ހަދައި ކޮންކްރީޓް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ކުރި ޓެސްޓްތަކުގެ ނަތީޖާ ޕޮޒިޓިވްކަން ވެސް އޭނާ ފާހަގަ ކުރައްވަ އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މަސައްކަތްތައް ވިލަރެސް ކުރައްވާ، އަބްދުﷲ މުއްތޮލިބު ވިދާޅުވީ، ބްރިޖްގެ ތަބުތައް އެޅުމަށް ޖުމްލަ 35 ހޮޅި ކަނޑުގެ އަޑިއަށް ފައްތަން ޖެހޭ ކަމަށާއި އޭގެ ތެރެއިން ހަތަރު ހޮޅިއެއް މިހާރު ވެސް ފައްތާފައިވާ ކަމަށެވެ. އަދި އެ ހޮޅިތަކުގެ އެތެރެ ތޮރުފައިގެން ތަބުތަކުގެ ކޮންކްރީޓް ފައުންޑޭޝަން އަޅަން ޖެހޭ އިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖްގެ ތަބުތައް ފެންމަތިން ފެންނާނެ ކަމަށް މުއްތޮލިބު ލަފާ ކުރައްވަ އެވެ. އެއީ ބްރިޖްގެ މިހާރު ކުރިއަށް ދާ އެންމެ މުހިންމު މަސައްކަތެވެ.

މިހާރު ހުރި ހޮޅިތައް ޖަހާފައި ހުރީ ހުޅުލޭ ކޮޅުގަ އެވެ. އެ ހޮޅިތަކުގެ ތެރެއަށް ތަބުތަކުގެ ފައުންޑޭޝަނާއި ކޮންކްރީޓް އެޅުމަށް ފަހު ދެން އޮންނާނީ، ބްރިޖްގެ ސާފޭސް ނޫނީ މަތީގެ ކޮންކްރީޓްގެ މަސައްކަތެވެ. ސަރުކާރުން ލަފާކޮށްފައި ވަނީ 2018 ގެ ޖުލައިގައި ބްރިޖް ހުޅުވޭނެ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރުމަށް 900 އެއްހާ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.