އަހުމަދު މަހްލޫފު

މަހުލޫފަށް ހުކުމް ކުރާ މަޖިލިސް ސިއްރުކޮށްފި

Jul 18, 2016
3

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހުކުމް ކުރުމަށް މިއަދު ބާއްވާ ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްފި އެވެ.

އެކަމަކު މަހުލޫފްގެ ޝަރީއަތް ސިއްރުކުރި ސަބަބެއް ނޭނގެ އެވެ. ގާނޫނުތަކުގެ ދަށުން ޝަރީއަތެއް ނޫނީ އެ ޝަރީއަތުގެ ބައެއް ސިއްރުކޮށްގެން ބޭއްވުމުގެ ބާރު ގާޒީއަށް ލިބިގެންވެ އެވެ.

ފުލުހުންނަށް ހުރަސް އަޅައިގެން މަހުލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރާ އިރު، މަހުލޫފްގެ މައްޗަށް މިއަދު ހުކުމް ކުރަނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ޖިޕަށް އަރަން ދެކޮޅު ހަދައި އޭނާ ފުލުހުްނަށް ފިލަން މަސައްކަތް ކުރި މައްސަލައިގަ އެވެ.

މަހުލޫފް ވިދާޅުވަނީ އޭނާ ޖަލަށް ލާން ހުކުމް ކުރާނެ ކަމަށާއި އެކަމަކު ހިތް ވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަހުލޫފްގެ މައްޗަށް އެ ކުށް ސާބިތު ވެއްޖެ ނަމަ އެންމެ ބޮޑު ހުކުމަކަށް އޮންނާނީ އޭނާ ހަމަހަށް ޖަލަށް ލުމެވެ. ޖޫރިމަނާ ވެސް ކުރުމަށް ހުކުމް ކޮށްފާނެ އެވެ. އޭގެން އެއްވެސް ހުކުމެއް އައި ނަމަވެސް އޭނާގެ މެންބަރުގެ ކަމުގެ ގޮޑިއެއް ނުގެއްލޭނެ އެވެ. ގޮޑި ގެއްލޭނީ އެއް އަހަރު ދުވަހަށް ވުރެ ދިގު ހުކުމެއް އައިސްފި ނަމަ އެވެ.

އޭނާގެ މައްޗަށް ދެން ދައުވާ ކުރާ އަނެއް މައްސަލަ އަކީ ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ބެރިކޭޑް ހުރަސްކޮށް ވަދެފައިވާ މައްސަލަ އެވެ. އެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާ ކުރަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލަ އެވެ.